ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ބޭނުންވާ ބިން ކަނޑައެޅުމުގައި ހުރި ކަންބޮޑުވުންތަކާ މެދު މަޝްވަރާކޮށް، މިހާރު ވަނީ ހައްލެއް ހޯދިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޒަމާން މަބްރޫކް އަޒީޒް ކުރެއްވި ޓުވީޓްގައި ވިދާޅުވީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއާ މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ މެދުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި މިމަޝްވަރާތަކުގައި ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވާ އެކަންބޮޑުވުންތައް މިހާރު ހައްލުކޮށްދެވިފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.
ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމަށް ރަށުގެ ބިމުން ބޮޑު ސަރަޙައްދެއް ނެގުމާއި ގުޅިގެން ކައުންސިލާއި މަޝްވަރާކުރުމަށްފަހު ގެންނަންޖެހޭ ބަދަލެއް ގެންނަން ތައްޔާރު ކަމަށް ސަރުކާރުން މީގެ ކުރިން ވެސް ވަނީ ހާމަކުރައްވާފަ އެވެ.
ހަނިމާދޫގެ ރައްޔިތުން ވަނީ އެއާޕޯޓް ތަރައްގީ ކުރުމަށް މީހުން ދިރިއުޅޭ ސަރަހައްދު ބޮޑު ބިމެއް ނަގާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މިކަމާ ދެކޮޅަށް ސަރުކާރަށް ހަނިމާދޫގެ ރައްޔިތުންގެ ފަރާތުން ވަނީ ޕެޓިޝަނެއް ހުށައަޅާފަ އެވެ.
ރާއްޖެއާއި އިންޑިއާއިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ވަރަށް އަވަހަށް ސޮއިކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ހަނިމާދޫ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ބީލަން މަރުހަލާ އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކުން ފަށައިފި ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ވަނީ ބުނެފަ އެވެ.
ހަނިމާދޫގެ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަކީ އުތުރުގައި އިގްތިސާދީ ހަބެއް ގާއިމުކުރެއްވުމަށް ރައީސް ސޯލިހު ގެންގުޅުއްވާ ވިސްނުންފުޅުގެ ތެރެއިން އެމަނިކުފާނު އެންމެ ބޮޑަށް އިސްކަންދެއްވައިގެން ކުރިއަށްގެންދަވާ މަޝްރޫއެކެވެ.