ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިމާބެހޭގޮތުން ވަކިބަޔަކު އަޑީގައި ތިބެގެން ދޮގު މައުލޫމާތު ފަތުރަމުން އަންނާތީ ހަނިމާދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ހަނިމާދޫ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެއާޕޯޓް ތަރައްގީ ކުރުމަށް ކައުންސިލުން މިހާރުވެސް 400،000 އަކަފޫޓް ދޭން ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ހަބަރު ފަތުރާފައިވާ ކަމަށާއި އެއީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ހަނިމާދޫ ކައުންސިލް ބަދުނާމުވާ ގޮތަށް ހަނިމާދޫ ކައުންސިލަރުންގެ ނަމާއި ފޮޓޯ ބޭނުންކޮށްގެން ހަގީގަތާހިލާފް ވާހަކަ ނުވަތަ ފޮޓޯ ސޯޝަލްމީޑިއާގައި ހާމަކުރަމުންދާތީ އެކަން އެގޮތަށް ނުކުރުމަށް ވެސް އެ ނޫސް ބަޔާނުގައި ވަނީ ނަސޭހަތްތެރިވެފަ އެވެ. އަދި އޭގެ ސަބަބުން ރައްޔިތުންގެ ތެރޭގައި ފިތުނަ އުފެދެމުންދާތީ އެ ކައުންސިލުން އިންތިހާއަށް ކަންބޮޑުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެކަން އެގޮތަށް ކުރާނަމަ އެބަޔަކާމެދު މި ކައުންސިލަށް ލިބިފައިވާ ގާނޫނީ ބާރުގެ ތެރެއިން ދައުވާކުރެވޭނެ ކަމަށާއި، އަދި މިފަދަ ކަންކަން ނުކުރުމަށް ހަނިމާދޫގައި އުފެދިފައިވާ ކުލަބް ޖަމިއްޔާތަކަށް ވެސް ނަސޭހަތްތެރިވާ ކަމަށް އެބަޔާނުގައި ވަނީ ބުނެފަ އެވެ.
"އަދި ބައެއް ނޫސްތަކުގައި މިހާރު ވެސް 400,000 އަކަފޫޓް ދޭން ނިންމާފައިވާ ކަމަށާއި، ކައުންސިލުން ނޫސްތަކަށް ދީފައިވާ ބަޔާނާ ހިލާފަށް ދޮގުވާހަކަތަށް ލިޔެ ފަތުރަމުންދާތީ، އެފަދަ ނޫސްތަކާއި އެފަދަ ފަރާތްތަކާއި ދޭތެރޭ ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރާނެ ވާހަކަ ވެސް ދެންނެވީމެވެ،" އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ހަނިމާދޫ ކައުންސިލުން ބުނެފައި ވަނީ އެއާޕޯޓް ތަރައްގީކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެދިފައިވާ އަދަދަށް ބިން ނުދެވޭނެ ވާހަކަ އެ މިނިސްޓްރީއަށް ކައުންސިލުން އަންގާފައިވާނެ ކަމަށެވެ. އަދި އެއާޕޯޓަށް ކުޑަ ބިމެއް އިތުރު ކޮށްގެން ވެސް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް މިނިސްޓްރީއާއެކު ކައުންސިލުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. ކުރިން އެދިފައިވާ ބިމުގެ އަދަދަށް ވުރެ މިހާރު މިނިސްޓްރީން އެދިފައިވާ ބިމަކީ ކުޑަ ބިމެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް ބިން ދިނުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް މިއަދު ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ނިންމި ނަމަވެސް އެ ބައްދަލުވުން ބޭއްވި ކަމެއް އަދި ނޭނގެ އެވެ. އަދި ބިމާ މެދު ކައުންސިލުން ނިންމާފައިވާ ގޮތުގެ މައުލޫމާތެއް އަދި ނުލިބެ އެވެ.
އެއާޕޯޓް ތަރައްގީކުރުމަށް މީހުން ދިރިއުޅޭ ސަރަހައްދު ބިމެއް އިތުރުކުރުމާ ދެކޮޅަށް ޕެޓިޝަނެއް ހުށައަޅާފައިވާއިރު އެކަމާ ދެކޮޅަށް މިއަދު އެ ރަށުގައި މުޒާހަރާ ކުރަން ވެސް ނިންމި ނަމަވެސް އެ މުޒާހަރާ ވަނީ ކެންސަލް ކޮށްފަ އެވެ. އެ މުޒާހަރާ ކެންސަލްކުރީ ކޮވިޑްގެ ސަބަބުން ހަނިމާދޫ މިވަގުތު ފުރަބަންދުގެ ހާލަތުގައި އޮތުމުންނެވެ.