ކޮވިޑް ހާލަތާ ގުޅިގެން މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރި ނަމަވެސް 39 މިސްކިތެއްގައި މާދަމާ އަޟްހާ އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގައި ކޮވިޑް ހާލަތު ރަނގަޅުވެފައި ވާތީ މިއަހަރުގެ އަޟްހާ އީދު ނަމާދު 39 މިސްކިތެއްގައި ކުރާނެ ކަމަށެވެ. އެހެން ނަމަވެސް މިއަހަރު ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން ނޯނާނެ ކަމަށް އެމިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތަށް ދާ އިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިން ގައިދުރުކަން ބެހެއްޓުމާއި މާސްކް އަޅައިގެން ތިބުމަށާއި އަމިއްލަ މުސައްލައެއް ގެންދިއުމަށް އެދިފަ އެވެ.

މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރުމަށް ނިންމާފައިވީ ނަމަވެސް، ކޮވިޑު ފެތުރިފައި ނެތް ރަށްރަށުގައި އީދު ނަމާދުގެ ބޮޑު ޖަމާއަތް ބާއްވަން އެދެފިނަމަ އެ ހުއްދައެއް ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

ކޮވިޑްގެ ހާލަތާއި ގުޅިގެން މާލެ ސަރަހައްދުގައި ފާއިތުވެދިޔަ ދެ އަހަރުވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފައެއް ނުވެ އެވެ.

މީގެ ކުރިން މޫސުން ތަންދޭނަމަ ކޮންމެ އަހަރަކު ވެސް ފިތުރު އީދާއި އަޟްހާ އީދު ނަމާދު މާލެއާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ބޮޑު ޖަމާއަތުގައި ކުރެ އެވެ.