އިސްލާމްދީނަށް ފުރައްސާރަކޮށް ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތާ މީހުންނަށް ފާޅުގައި ނޫނެކޭ ބުނަން ކެވޭވަރުގެ ދަރިންނަށް ގައުމު ބޭނުންވެފައިވާ ކަމަށް އީދުގެ ހުތުބާގައި ބުނެފި އެވެ.

މިއަދުގެ އީދު ހުތުބާގައި ވަނީ ސަލާމްލެއްވި އިބްރާހީމްގެފާނުގެ ވެވަޑައިގަންނެވި ގުރުބާނީގެ މަތިން ހަނދުމަކޮށްދެއްވާފަ އެވެ.

އިބްރާހިމްގެފާނުގެ ދަރިކަލުން އިސްމާއީލްގެފާނު ގުރުބާން ކުރެއްވުމަށް އެންގެވި ހިނދު އެކަލޭގެފާނު އަމަލު ކުރެއްވި ރިވެތި ގޮތުން އިބުރަތް ހާސިލުކުރަން ޖެހޭ ކަމަށް އީދު ހުތުބާގައި ބުންޏެވެ.

"އިބްރާހިމްގެ ފާނުގެ ލޮބުވެތި ދަރިކަނލުން ޤުރްބާން ކުރައްވަން އެކަލާނގެ އަމުރު ކުރެއްވި ހިނދު، އެކަމަށް ކިޔަމަންގަނެ ކެތްތެރިވީ ދުވަހެވެ. އަދި އިބްރާހީމްގެފާނުގެ ލޮބުވެތި ދަރިކަނލުން އިސްމާއީލުގެފާނު ވެސް މާތް ﷲ އެންގެވުމަށް ތަބާވުމަށް އެކަލޭގެފާނުގެ ބައްޕާފުޅަށް ހިތްވަރުދެއްވި ދުވަހެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

އީދު ހުތުބާގައި އިބްރާހިމްގެފާނުގެ ދަރިކަލުން އިސްމާއީލްގެފާނު ގުރުބާން ކުރެއްވުމަށް އެންގެވި ހިނދު އެކަލޭގެފާނު އަމަލު ކުރެއްވި ރިވެތި ގޮތުން އިބްރަތް ހާސިލުކުރުމަށް ވަނި ގޮވާލައްވާފަ އެވެ. އަދި އެމަންޒަރު މިހާރު ފެންނަމުން ނުދާ ކަމަށާއި މިއީ ހިތާވެރިކަމެއް ކަމަށް ހުތުބާގައި ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރަށް އީދު ހުތުބާގައި ވިދާޅުވީ މިއަދު ފެނިގެންދަނީ ފާޅުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތާ ރަސޫލާއަށް ފުރައްސާރަކޮށް މުސްލިމުންގެ މުގައްދަސް ތަންތަން ފޭރިގެންދާ މަންޒަރު ކަމަށެވެ.

މުސްލިމު އިލްމުވެރިންގެ ގަދަރު ވައްޓާލާ އިސްލާމީ ޔުނިވާސިޓީތަކާއި މަތީ ތައުލީމުދޭ މަރުކަޒުތަކުގެ މަންހަޖުތައް ބަދަލުކުރުމަށް ފިއްތުންތައް ކުރިމަތި ކުރުވަމުންދާ މަންޒަރު ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. ސައްތައިން ސައްތަ އިސްލާމީ ގައުމެއް އޮވެގެން ނުވާނެ ކަމަށް ބުނެ އަޑު އުފުލާއިރު މުސްލިމުންގެ ހައްގުތަކަށް އެކު ގޮތްގޮތުން އަރައިގަންނަމުންދާ ކަމަށެވެ.

މިފަދަ މީހުންނާ ދެކޮޅަށް ފާޅުގައި ނޫނެކޭ ބުނަށް ކެރޭވަގެ މުސްލިމު ދަރިންނަށް މިއަދު ބޭނުންޖެހިފައިވާ ކަމަށް ހުތުބާގައި ވަަނީ ބުނެފަ އެވެ.

"މިއަދު މިވަނީ އެ މީހުންގެ ވަގުތުންނާއި މުދަލުންނާއި އީޖާދުތަކުން އިސްލާމްދީނަށްޓަކައި ގުރުބާންވާން ކެރޭ މީހުންނަށް ބޭނުންވެފައެވެ. އިސްލާމް ދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމު ދަރިންނަށް މިއަދު ވަނީ ބޭނުންވެފަ އެވެ،" އީދު ހުތުބާގައި ބުނެފައިވެ އެވެ.

މާލޭގައި ބޮޑު ޖަމާއަތުގައި މިއަދު އީދު ނަމާދު ނުކުރިނަމަވެސް 39 މިސްކިތެއްގައި މިއަދު ވަނީ އީދު ނަމާދު ކޮށްފަ އެވެ. ރާއްޖެގެ ބައެއް ރަށްރަށުގައި ބޮޑު ޖަމާއަތް ހަދައިގެން އީދު ނަމާދު ކޮށްފައިވާކަން ފާހަގަ ކޮށްލެވެ އެވެ.