ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ތިން ބިލެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައީސް މިއަދު ތަސްދީގު ކުރައްވާފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ތަފާސް ހިސާބުގެ ބިލު އަދި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލެވެ.

މި ބިލުތަކަކީ މިއަހަރުގެ ޖުލައި މަހުގެ އަށް ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލްތަކެކެވެ.

މި ބިލުތަކުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލަށް ވަނީ ވިޔަފާރި ގިންތިކޮށްފައިވާ މިންގަނޑުތަކަށް އިސްލާހު ގެނެސްފައިވެ އެވެ.

ހަމަ އެހެންމެ ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުމަށް ގާނޫނުގެ ދަށުން އެކަށައަޅާ ސިޔާސަތުތަކާއި އެ ވިޔަފާރިތަކާ ގުޅޭގޮތުން ސަރުކާރުން ހިންގާ ޕްރޮގްރާމްތަކާއި ޙަރަކާތްތައް ވިލަރެސްކޮށް، ރާވައި ހިންގުމަށްޓަކައި، މިނިސްޓްރީގެ ބެލުމުގެ ދަށުން ހިނގާ، ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެއް ގާއިމުކުރަންވާނެ ކަމަށާއި އެ ކުންފުންޏަކީ ރައީސުލްޖުމްހޫރިއްޔާގެ ގާރާރުން އުފައްދާފައިވާ ބިޒްނަސް ސެންޓަ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ) ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.

މީގެ އިތުރުން އެ އިސްލާހަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީކުރުމުގެ ޚިދުމަތް ދެމުންދާ މަރުކަޒުތައް ބީސީސީއިން އަލުން ގާއިމުކުރުމާއެކު، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީކުރުމުގެ ޚިދުމަތް ދިނުމަށް އިތުރަށް ބޭނުންވާނެ މަރުކަޒުތައް، ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، ބީސީސީން ގާއިމުކުރަންވާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނުގެ އަށްވަނަ ބާބު ކަމުގައިވާ "ވަޒީފާ އަދާކުރާ ފަރާތްތަކާގުޅޭ" ބާބު ވަނީ އުނިކުރައްވާފަ އެވެ.

މީގެ އިތުރުން ވެސް ގާނޫނުގެ އެކި މާއްދާތަކަށް އިތުރު ތަފްސީލުތަކާއި އިސްލާހުތައް މިބިލުގައި ގެނެސްފައިވެ އެވެ.

ތަފާސްހިސާބުގެ ބިލަކީ ވެސް މި އަހަރުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނަކީ ރާއްޖޭގައި ތަފާސްހިސާބާބެހޭ ގައުމީ ނިޒާމެއް ގާއިމުކޮށް، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މަޢުލޫމާތުގެ ނަތީޖާ ހޯދުމާއި، ޢާންމުކުރުމާއި، ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

މި ގާނޫނުގެ މައިގަނޑު މަގްސަދުތަކު ތެރޭގައި ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްގީކުރުމާއި، ގައުމުގެ އިގްތިސާދީ، އިޖްތިމާއީ އަދި ތިމާވެށީގެ ޙާލަތު އަންގައިދޭ މުހިންމު ތަފާސްހިސާބު ގައުމީ ފެންވަރުގައި އެއްކޮށް، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިތުބާރުހުރި ގޮތެއްގައި، އެއްހަމައެއްގައި ފޯރުކޮށްދިނުން ހިމެނެ އެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ރާއްޖޭގެ ތަފާސްހިސާބާގުޅޭ އެންމެހައި ކަންކަން ރާވައި ހިންގާނެ އުސޫލުތައް ކަނޑައެޅުމަށާއި މި ޤާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި، "މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް" ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފެދޭނެ އެވެ. އަދި، މި ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހުރިހާކަމެއް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ބަދަލުވާނެ އެވެ.

މި ގާނޫނުގައިވާ ގޮތުން ބިއުރޯއާގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގާނީ، މިނިސްޓަރުގެ ލަފާގެ މަތިން ޗީފް ސްޓެޓިސްޓީޝަނެވެ.

ޗީފް ސްޓެޓިސްޓީޝަން އައްޔަންކުރާނީ، ރައީސުލްޖުމްހޫރިއްޔާ އެވެ.

މީގެ އިތުރުން ވެސް މި ގާނޫނުގައިވާ ގޮތުން ބިއުރޯގެ މަސައްކަތްތައް ކުރުމަށާއި ދިވެހިރާއްޖޭގެ ތަފާސްހިސާބާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް، އަދި ތަފާސްހިސާބުގެ ޤައުމީ ނިޒާމު ކުރިއެރުވުމަށް ލަފާދޭ ސްޓެޓިސްޓިކަލް ކައުންސިލެއް އޮންނަންވާނެ އެވެ.

އަދި މިސްޓެޓިސްޓިކަލް ކައުންސިލް އެކުލެވިގެންވާނީ 10 މެންބަރުންގެ މައްޗަށެވެ.