ޔޫއްޕެ ޕްރޮޑަކްޝަންގެ އެންމެ ފުރަތަމަ ޑްރާމާ ސީރީޒް "ހުވާކޮށްފައި ބުނަން"ގެ ޓްރެއިލާ ދައްކާލައިފި އެވެ.
ގިނަ އަދަދެއްގެ ތަރިން ފެނިގެންދާ މިޓްރެއިލާއިން ޖުމްލަ ގޮތެއްގައި ފެންނަނީ މަޖާ މަންޒަރުތަކެކެވެ. ނަމަވެސް ޓްރެއިލާގެ މެދުތެރެއިން ލޯބީގެ ކުލަވަރުތައް ފެވިގެން ގޮސް، ޓްރެއިލާ ނިންމާލާފައި ވަނީ ސީރިއަސް ޓުވިސްޓުތަކަކާއި އެކީގަ އެވެ. އެހެންކަމުން ލަފާ ކުރެވޭ ގޮތުގައިި މިއީ ހިނިތުންވުން ގެނެސްދީ ތަފާތު އެތައް އިހުސާސްތަކެއް ކުރުވާނެ ސީރީޒެކެވެ.
26 އެޕިސޯޑުގެ، ތިން ސީޒަން ހިމެނޭ މި ސީރީޒްގައި ހަރާކާތްތެރިވާ ތަރިންގެ ތެރޭގައި އަހުމަދު ސައީދު، އަހުމަދު އީސަ (އާނަންދު)، އަބްދުﷲ ޝާފިއު (ފުބޫ)، އަލީ އާޒިމް (ދޮން އައްޔަ)، ޝިފާ، ނަތާޝާ، ވާޝިޔާ އަދި ނާޝިދާ މުހައްމަދު (ނާއްކޮ) އަދި އިރުފާނާ އިބްރާހިމް (އިރޫ) ހިމެނެ އެވެ.
ޔޫއްޕެގެ އަމިއްލަ ވާހަކައެއްގެ މައްޗަށް ޑައިރެކްޓްކޮށްފައިވާ މިސީރީޒް ކެމެރާކޮށް ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކޮށްފައިވަނީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ. ޔޫއްޕެ ޕްރޮޑަކްޝަންސް އިން ގޮތުގައި މިސީރީޒް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ އެ ޕްރޮޑަކްޝަން ހައުސްގެ ޔޫޓިއުބް ޗެނަލްގަ އެވެ. ނަމަވެސް ސީރީޒް ނެރޭނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.