މިސްކިތުގެ ހުރުމަތް ކަނޑާ ފަރާތްތަކާ މެދުގައި ހަރުކަށީ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ބިދޭސީ އަންހެނަކު ހުކުރު މިސްކިތުގައި ޣައިރު ދީނުގެ އަޅުކަންކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އިސްލާމިކް މިނިސްޓްރީއަށާއި ސަރުކާރަށް ފާޑުކިޔަމުންނެވެ.

އެކަމަށް އިޝާރާތް ކުރައްވައި ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ކުރެއްވި ޓުވީޓްގައި ވިދާޅުވީ މިސްކިތުގެ ހުރުމަތް ކެނޑުމަކީ ކުޑަ ކަމެއް ނޫން ކަމަށެވެ.

މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދުގައި ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

އެމަނިކުފާނު ގޮތުގައި މިކަމަކީ ބަޔަކު އަޑީގައި ތިބެގެން ކުރުވި ކަމެއް ކަމުގައިވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

"ﷲގެ ގެކޮޅަށް ފުރައްސާރަކުރާ މިފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ. މިވެރިކަމުގައި ތަކުރާރު މިވަނީ އެކި ގޮތްގޮތުން އިސްލާމްދީނަށް ގޮންޖެހުން. މިއީ އިއްތިފާޤެއް ނޫން. ހީލަތްތެރި ރޭވުމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. ޖަމީލް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އިސްލާމްދީނަށް ކުރިމަތިވަމުންދަނީ އެކި ގޮތްގޮތުން ބޮޑެތި ގޮންޖެހުންތައް ކަމަށެވެ. އަދި އެފަދައިން ގޮންޖެހުންތައް ކުރިމަތުވިމަކީ އިއްތިފާޤެއް ނޫން ކަމަށާއި އެއީ ހީލަތްތެރި ރޭވުމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ހުކުރު މިސްކިތަށް އަރައި ޣައިރު ދީނުގެ އަމަލުތަކެއް ހިންގި އަންހެންމީހާ ލައިގެން ހުރީ އާންމުކޮށް އިންޑިއާ މީހުން ލާ ދޯޕައްޓާ ހެދުމެކެވެ. އާންމުވެފައިވާ ވީޑިޔޯއިން ފެންނަނީ ހުކުރު މިސްކިތަށް ވަދެ އަންހެންމީހާ އަޅުކަމުގެ ބައެއް ހަރަކާތްތައް ކުރާ ތަނެވެ.

ވީޑިއޯއިން ފެންނަ އަންހެން މީހާގެ ހަރަކާތްތަކަށް ބަލާއިރު އެއީ ހިންދޫން އެ މީހުންގެ އަޅުކަމުގެ ބައެއް ކަމުގައި ގަބޫލުކުރާ ޔޯގާގެ ހަރަކާތެއް ކަމުގައި ބެލެވެ އެވެ.