1921 ވަނަ އަހަރު އުފައްދާފައިވާ ބީސީޖީ ވެކްސިނަކުން ކޮވިޑް-19 އަށް ފަރުވާ ކުރެވިދާނެތޯ ބެލުމަށް އިނގިރޭސިވިލާތުގެ ސައިންސްވެރިން ޓެސްޓް ކުރަން ފަށައިފި އެވެ.

މި ވެކްސިނަކީ ޓިއުބަކުލޯސިސް އިން ރައްކާތެރިވުމަށްޓަކައި ޑިޒައިން ކުރެވިފައިވާ ވެކްސިނެއްކަމުގައި ވިޔަސް އެހެން އިންފެކްޝަންތަކުން ވެސް ރައްކާތެރިކޮށްދެ އެވެ.

ޔުނިވަސިޓީ އޮފް އެކެސެޓާ އިން ކުރިއަށްގެންދާ މި ދިރާސާގައި 1،000 މީހުން ބައިވެރިވާނެ އެވެ.

ޔޫކޭގެ އެތައް މިލިއަން މީހުންނަށް ކުޑައިރު މިވެކްސިން ހުންނާނީ ދެވިފަ އެވެ. އެހެން ނަމަވެސް ރައްކާތެރިކަމަށްޓަކައި ދެވަނަ ފަހަރަށް ވެސް މި ވެކްސިން ދޭން ޖެހިދާނެ ކަމަށް ވެ އެވެ.

ވެކްސިންތައް ޑިޒައިން ކުރެވިފައި ހުންނަ ގޮތުން ދިފާއީ ނިޒާމު ވަކި ކަހަލަ އިންފެކްޝަނަކުން މުޅިން ރައްކާތެރިކޮށްދެ އެވެ. އެހެން ނަމަވެސް މި ޕްރޮސެސްގައި ދިފާއީ ނިޒާމު ވަރަށް ބޮޑަށް ބަދަލު ކޮށްލަ އެވެ. އޭގެ ސަބަބުން ކޮރޯނަވައިރަސް ފަަދަ އެހެން އިންފެކްޝަން ތަކުން ރައްކާތެރިވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.

މީގެ ކުރީގައި ހެދިފައިވާ ކްލިނިކަލް ޓްރަޔަލްތަކަށް ބަލާއިރު ބީސީޖީގެ ސަބަބުން ޅައުމުރުގައި ނިއުމޯނިއާ އަދި ސެޕްސިސްގެ ސަބަބުން މަރުވާ ކުދިންގެ ނިސްބަތް 38 އިންސައްތަ އަށް ވަނީ ދަށްވެފަ އެވެ. އަދި ސައުތް އެފްރިކާގައި މި ވެކްސިންގެ ސަބަބުން ނޭފަތާއި، ކަރުތެރެ އަދި ފުއްޕާމޭގެ އިންފެކްޝަންތައް 73 އިންސައްތަ ދަށްކުރެވިފައިވެ އެވެ. މީގެ އިތުރުން ނެދަލޭންޑްސްގައި ރީނދޫ ހުމުގެ ވައިރަސްވެސް ހަށިގަނޑުން މަދުކޮށްދެ އެވެ.

ކޮރޯނާވައިރަހަށް ދުނިޔޭގައި މިހާރުވސް އެތައް ސަތޭކަ ވެކްސިން އުފައްަމުން ދާއިރު އޭގެ ތެރެއިން 10 ވެކްސިނެއް ވަނީ ކްލިނިކަލް ޓެސްތްތަކުގެ ފަހު މަރުހަލާގަ އެވެ. އޭގެ ތެރޭގައި އޮކްސްފޯށް ޔުނިވަސިޓީއިން އުފެއްދި ވެކްސިންވެސް ހިމެނެ އެވެ.