ކޮވިޑް-19 އާއި އެކު އަހަރެމެންގެ ދިރުއުޅުން މިވަނީ ހުއްޓުމަކަށް އައިސް ބޮޑު ބިރުވެރިކަމާއި ހާސްކަމެއްގެ ތެރެއަށް ވައްޓާލާފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވައިރަސްގެ ކޭސްތައް ދަނީ އަދިވެސް އިތުރުވަމުންނެވެ. މާތްﷲގެ އިރާދަފުޅުން އަހަރެމެންގެ ދިވެހިރާއްޖޭގައި މި ފާއިތުވެދިޔަ ދެ ހަފްތާގެ ތެރޭގައި ރިޕޯޓުކުރި ކޭސްތަކުގެ އަދަދު ވަނީ ދަށްވެފަ އެވެ. އެހެން ނަމަވެސް ކުރީގެ އާންމު ހާލަތަށް ދެވުނީ ކަމަށް ހީކުރުމަކީ ގޯހެކެވެ.

މި ވައިރަހުން ރައްކާތެރިވުމަށްކުރެވިދާނެ ބައިވަރު ކަންތައް އެބަހުއްޓެވެ. މިސާލަކަށް މާސްކު އެޅުން، އަތް ދޮވުން/ ސެނިޓައިޒްކުރުން އަދި އެހެން މީހުންނާ ތިމާ އާއި ތިން ފޫޓުގެ ދުރުމިނެއް ބަހައްޓަން ޖެހޭކަން މިއީ ތާ އަބަދުމެ ޓީވީ އަދި ރޭޑިއޯތަކުން ފެންނަ އަދި އަޑުއިވޭ އިރުޝާދުތަކެވެ. މީގެ އިތުރުންވެސް ކުރެވިދާނެ މުހިއްމުކަމެއް ވެސް އެބައޮތެެވެ. އެއީ ތިމާގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމެވެ.

އެހެންކަމުން މިފަހަރަު މިކިޔައިދެނީ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި ގޭގއި ތައްޔާރުކޮށްގެން ބޮވިދާނެ ބައެއް ޖޫސްތަކަށެވެ.

އިނގުރު، ލުނބޯ، މާމުއި އަދި ފެން

އަހަރެމެންގެ ދިފާއީ ނިޒާމަށް މާމުއި ވަރެއް ނޯންނާނެ އެވެ. އެއަށް ލުނބޯ އަދި އިނގުރު ފަދަ ބާވަތްތައް އެޅުމުން އާންމު ރޯގާ އާއި ފްލޫ ތަކުން މީހާ ސަލާމަތްކޮށްދެ އެވެ. މީގެ އިތުރުން ރީނދުލަކީ ދިވެހި ބަދިގެތަކުގައި ވެސް ނުހުރެ ނުދާނެ އެއްޗެކެވެ. ރީނދުލަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން އާއި މިނަރަލް އެކުލެވެ އެއްޗެކެވެ. އަދި ލުނބޯއަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވޭ އެއްޗެކެވެ.

ބީޓްރޫޓް ޖޫސް

ބަލިވެ އުޅޭ އިރު އެންމެ ދަތިވާ އެއްކަމަކީ ގައިގައި ހަކަތަ ނެތުމެވެ. ބީޓްރޫޓުން މިކަމަށް ހައްލު ލިބި ހަށިގަނޑުގައި ވަރުޖައްސަން އެހީތެރިވާނެ އެވެ. ބީޓްރޫޓަކީ ލޯ ފެޓް، ވިޓަމިން ސީ އަދި ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓްސް ހުންނަ ތަރުކާރީ އެކެވެ. މީގެ އިތުރުން ވެސް ދަނގަޑުގެ މާއްދާ ހަށިގަނޑަށް ނަގައިގަންނަށް އެހީތެރިވެދީ ، ކެލްސިއަމް، ވިޓަމިން އޭ އަދި އަޔަން ވެސް ލިއްބައިދެ އެވެ. މި ހުރިހާ މާއްދާއެއް އެއްވުމުން ހަށިގަނޑަށް ހަކަތަ ލިބުމުގެ އިތުރަށް ދިފާއީ ނިޒާމު ވެސް ވަރުގަދަ ކޮށްދޭނެ އެވެ.

ގޫސްބެރީ ޖޫސް

ގޫސްބެރީ އަކީ ވެސް ދިފާއީ ނިޒާމަށް ހަމަ "މަރެކެވެ." މީގެ ތެރެއަށް އިނގުރު، މިންޓް އަދި ކޮރިއެންޑާ އަޅާލުމުން އިތުރަށް ފުރިހަމަވެގެންދާނެ އެވެ. ގޫސްބެރީ ގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވުމުގެ ސަބަބުން މިއީ ހުމާއި ރޯގާއިން މީހާ ރައްކާތެރިކޮށްދޭނެ އެވެ. މީގެ އިތުރުންވެސް ދިފާއީ އިޖާބަ ވަރުގަދަ ކުރުމަށްޓަކައި ވައިޓް ބްލަޑް ސެލްސް އިތުރުކޮށްދިނުމަށް ވެސް އެހީވެ އެވެ.