މިއީ ވިއެޓުނާމަށް ނިސްބަތްވާ މިހާރު އުމުރުން 54 އަހަރުގެ ފިރިހެނެއްގެ ވާހަކައެކެވެ. މި މީހާއަށް 1998 ވަނަ އަހަރު ކުރިމަތިވި ނުރައްކާތެރި އެކްސިޑެންޓަކާ ގުޅިގެން ވަރަށް ބޮޑަށް ހާލު ދެރަވެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހުނެވެ.

ކުރެވުނު އޮޕަރޭޝަން ވަރަށް ވެސް ކާމިޔާބެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން މި މީހާގެ ބަނޑުގައި އާދަޔާ ޚިލާފަށް ރިއްސަން ފެށި އެވެ. މިހެންވުމުގެ ސަބަބުން ވަރުގަދަ ޕެއިން ކިލާ އާއި އެހެނިހެން ބޭސް ވެސް މި މީހާ ބޭނުންކުރި ކަމަށްވެ އެވެ. ނަމަވެސް އޭގެއިން އެއްވެސް ކަމަކުން ލުޔެއް ނުލިބި، އޭގެ 18 އަހަރު ފަހުން އަނެއްކާ ވެސް މި މީހާ އިތުރު އެކްސިޑެންޓެއްވި އެވެ.

މިފަހަރުގެ މި އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެވެމުން ދަނިކޮށް ނެގި އެކްސްރޭއަކުން މި މީހާގެ ބަނޑުގައި އޮޕަރޭޝަން ތިއޭޓަރުގައި ޑޮކްޓަރުން ބޭނުންކުރާ ޒާތުގެ ކަތުރެއް އޮތްކަމަށް ދެއްކި އެވެ.

ބަނޑުގައި އެހާ ވަރަށް ރިއްސަން މެދުވެރިވި ސަބަބަކީ އެއީ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

ޑޮކްޓަރުން އިތުރަށް ބުނިގޮތުގައި އެ މީހާގެ ބަނޑުގައި އެ ކަތުރުގެ ވަށައިގެން ވަނީ ހަށިގަނޑުގެ އެތެރޭގެ ބައިތައް އުފެދިފަ އެވެ. މިހެންވުމުގެ ސަބަބުން ކަތުރު ނެގުމަށް ގިނަ ދަތިތަކަކާއި ކުރިމަތިލާން ޖެހުނެވެ. ކަތުރު ނެގުނީ ތިން ގަޑިއިރުގެ ދިގު އޮޕަރޭޝަނަކަށް ފަހުކަން ޑޮކްޓަރުން ވަނީ ހާމަކޮށްފަ އެވެ.

ވިއެޓުނާމުގެ ހެލްތު މިނިސްޓްރީން މިހާރު އަންނަނީ މިކަން ކުރީ ކޮން ހޮސްޕިޓަލަކުންކަން ހޯދޭތޯ މަސައްކަތް ކުރަމުންނެވެ.