ސޯއޯލް (26 ޖުލައި) - ފުރަތަމަ ޑޯޒްގެ ގޮތުގައި އެސްޓްރަޒެނެކާ އަދި ދެވަނަ ޑޯޒްގެ ގޮތުގައި ފައިޒާ ވެކްސިން ޖަހައިފި ނަމަ ކޮވިޑާ ދެކޮޅަށް ހަށިގަނޑުގައި އުފެދޭ އެންޓިބޮޑީސް ހަގުނަ އިތުރުވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ސައުތު ކޮރެއާގެ 499 ސިއްހީ އެހީތެރިން ބައިވެރިކޮށްގެން ހެދި މި ދިރާސާގެ ނަތީޖާތައް ދައްކާ ގޮތުން ދެ ވެކްސިން އެއްކޮށްގެން ޑޯޒް ހަމަކުރި ބައިވެރިންގެ ހަށިގަނޑުން ވެސް ފައިޒާ ވެކްސިންގެ ދެޑޯޒު ޖެހި މީހުންގެ ހަށިގަނޑުން އެންޓިބޮޑީސް ފެނުނު ވަރަށް ފެނިފައިވާ ކަމަށެވެ.

މިދިޔަ މަހު އެމެރިކާގައި ހެދުނު ދިރާސާއަކުން ވެސް މިފަދަ ނަތީޖާތަކެއް ނެރެވިފައިވާއިރު އެ ދިރާސާއިން ދައްކާ ގޮތުގައި ދެ ވެކްސިން އެއްކޮށްގެން ޑޯޒް ހަމަކުރާ މީހުންގެ ހަށިގަނޑުން ގިނައިން ޓީ ސެލްސް ފެނިފައިވެ އެވެ.

މި ނަތީޖާތަކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މި ދެ ވެކްސިން ބޭނުންކޮށްގެން ޑޯޒް ހަމަކުރަން ނިންމަމުން އަންނަ ނިންމުންތަކަށް ބާރުދޭ ނަތީޖާތަކެކެވެ.

މި ދިރާސާގައި ފައިޒާ އާއި އެސްޓްރާޒެނެކާ ވެކްސިންއިން ޑޯޒް ހަމަކުރުމުން ކޮވިޑް-19ގެ އެކި ވޭރިއަންޓާ ދެކޮޅަށް ރައްކާތެރިކަން ލިބޭތޯ ބެލުނު ކަމަށް ވެސް ކޮރެއާގެ އިދާރާތަކުން ބުނެ އެވެ.

ނަމަވެސް އިނގިރޭސި ވިލާތުން ފުރަތަމަ ފެނުން އަލްފާ ވޭރިއަންޓް ނުވަތަ ޔޫކޭ ވޭރިއަންޓާ ދެކޮޅަށް ރައްކާތަރިކަން އިތުރުކޮށްދޭ ކަން ސާބިތުވެފައެއް ނުވެ އެވެ. --ރޮއިޓާސް