ކުރީގެ ރައީސް އަބްދުﷲ ޔާމީން މަރުގެ ކޮމިޝަނަށް ހާޒިރުކުރީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ތަހުގީގަ ހުރަސް އެޅިކަމުގެ ތުހުމަތުގައި ކަމަށާއި އެތުހުމަތުތަކަށް އިންކާރުކުރައްވާ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް ޔާމީންއާ ސުވާލު ކުރުމަށް ރިޔާސީ ކޮމިޝަނަށް ހާޒިރުކުރީ މިއަދު މެންދުރު ފަހުގަ އެވެ.

ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރުކުރުމުން ނޫސްވެރިންނާ ބައްދަލުކުރައްވާ އެމަނިކުފާނުގެ ގާނޫނީ ޓީމުގައި ހުންނަވާ އިސް ވަކީލް އަދި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކޮމިޝަނުން ތުހުމަތުކުރަނީ ރިލްވާންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ހުރަސް އެޅުއްވި ކަމުގެ ތުހުމަތު ކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީން އެކޮމިޝަނުން ކުރައްވާ ތުހުމަތުތަކަށް އިންކާރު ކުރައްވާ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

މީގެ އިތުރުން ޖަމީލް ވިދާޅުވީ ރައީސް ޔާމީން ކޮމިޝަނަށް ހާޒިރުކޮށްފައި ވަނީ ޒާތީ ތައައްސުބުގެ ތެރެއިން ކަމަށެވެ.

"2023 ގެ އިންތިހާބުގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންފާނެތީ އެބޭފުޅުންނަށް އޮތް ނުރައްކަލެއް ކަމަށް ދެކިވަޑައިގެން ތަހުގީގީ އިދާރާތަކަށް ނުފޫޒު ފޯރުވައިގެން ސަރުކާރުގެ ބާރުގެ ދަށުގައި އެބޭފުޅުން ކުރައްވާ ކަމެއް،" ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީން މަރުގެ ކޮމިޝަނަށް ހާޒިރު ކުރުމާއި ގުޅޭގޮތުން އެކޮމިޝަނުން ބުނީ ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާނު މައްސަލާގައި ސުވާލުކުރުމުން ކުރީގެ ރައީސް ޔާމީން ޖަވާބުދާރީވެފައި ނުވާ ކަމަށެވެ. އަދި ރައީސް ޔާމީން ބޭނުންކުރައްވާފައިވަނީ ހަނު ހުރުމުގެ ހައްގު ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ރިޔާސީ ކޮމިޝަނުން ކުރި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީނާ މި މައްސަލައާ ގުޅިގެން އެއްވެސް ގުޅުމެއް އޮތްތޯ ނޫސްވެރިން ސުވާލުކުރުމުން އޭރު އެ ކޮމިޝަނުން ބުނެފައި ވަނީ ރައީސް ޔާމީންއާ ގުޅުން ހުރި ކަމެއް ނެތް ކަމަށާއި އެމަނިކުފާނުގެ އިހުމާލެއް ވެސް ފާހަގަވާން ނެތް ކަމަށެވެ.

ރައީސް ޔާމީން ތަހުގީގަށް ހުރަސްއެޅުއްވި ކަމަށް ކުރާ ތުހުމަތު ބިނާކޮށްފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރުމަށްފަހު އޭނާ ނެރުއްވި ބަޔާނެއްގައި ހިމަނުއްވާފައިވާ ތުހުމަތެއްގެ މައްޗަށް ކަމަށް މައުލޫމާތު ލިބެ އެވެ.

މަރު ކޮމިޝަނުން މީގެ ކުރިން ވަނީ ރިލްވާންގެ މައްސަލައިގައި ތައްޔާރުކުރި ރިޕޯޓެއް އާންމުކޮށްފަ އެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި ރިލްވާން ވަނީ މާރާލައި ކަނޑުފައްތައިފަ އެވެ. އޭނާ މަރާލީ ދީނީ ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން އަލް ގައިދާގެ ގޮތްޕަކުން ކަމަށް ވެސް ބުނެފައިވެ އެވެ.