އެކުގައި ކާމިޔާބު ފިލްމުތަކެއް ގެެނެސްދީފައިވާ ރޯހިތު ޝެޓީ އާއި ރަންވީރު ސިންގް އަނެއްކާ ވެސް އާ މަސައްކަތަކަށް ތައްޔާރުވަމުންދާކަމުގެ ވާހަކަަތަކެއް ފެންމަތިވެއްޖެ އެވެ.

ހަބަރުތައް ބުނާ ގޮތުން މި ދެ ފަންނާނުން މިފަހަރު ތައްޔާރުވަނީ ބެލުންތެރިންނާ ހަމަޔަށް މަޖާޒީ ފިިލްމެއްގެ ރީމޭކެއް ގެނެސްދޭށެވެ. އެއީ 1982ވަނަ އަހަރު ރިލީސްކޮށްފައިވާ ކޮމެޑީ ފިލްމް "އަންގޫރު"ގެ ރީމޭކް އެކެވެ. އެއްމާބަނޑު ދެބެންގެ ގޮތުގައި ސަންޖީވް ކުމާރު އާއި ދަވަން ވަރުމާ ފެނިގެންދާ މިފިލްމުގައި ދައްކުވާދެނީ ދެބެން ވައްތަރު ކަމުން ކުރިމަތިވާ މަޖާ ކަންތައްތަކެވެ.

ރޯހިތު ޝެޓީއާއި ވަރަށް ގާތް މަސްދަރަކުން ހާމަކުރި ގޮތުގައި މިފިލްމުގައި ރަންވީރު ކަޕޫރު އަދާކުރާނީ ޑަބަލް ރޯލެވެ. މިހެންވެއްޖެ ކަމަށް ވާނަމަ، މިފިލްމް ވެގެންދާނީ ރަންވީރު އެންމެ ފުރަތަމަ ޑަބަލް ރޯލް ކުޅޭ ފިލްމަށެވެ.

ނަން ހާމަ ނުކުރުމަށް އެދި، އިތުރަށް ވާހަކަ ދައްކަމުން މިމަސްދަރު ބުނެފައި ވަނީ އަންގޫރުގެ މަސައްކަތަކީ 2015 އަހަރުން ފެށިގެން ފަށައިގަތުމަށް ރޯހިތު ހިތުލައިގެން އުޅޭ މަސައްކަތެކެވެ. އޭރު އެމަސައްކަތުގައި ހިމެނުމަށް ވިސްނުމުގައި ހުރީ ޝާހްރުކް ހާން އެވެ. ނަމަވެސް ފަހުން ދިލްވާލޭގެ މަސައްކަތުގައި ދެފަރާތުން ޝާމިލުވެ ވަގުތު ނުދެވިގެން އަންގޫރު އޮތީ މަޑު ޖެހިފަ އެވެ. އެހެންކަމުން ކޮވިޑާ ގުޅިގެން މިއައި ދުވަސްތަކުގައި ލިބުނު ހުސްވަގުތު ތަކުގައި، އަންގޫރުގެ ސްކްރިޕްޓް ފައިނަލްކޮށް ރީމޭކައިގެން ކުރިޔަށްދިޔުމަށް ނިންމީ ކަމުގައި މިފަރާތުން މައުލޫމާތު ދިނެވެ.

ރޯހިތު ޝެޓީގެ ފަހުގެ މަސައްކަތްތަކަށް ބަލާއިރު ސިންގަމް، ސިމްބާ އަދި ބޯލް ބައްޗަންއަކީ ވެސް ކާމިޔާބު ރީމޭކް ފިލްމްތެކެކެވެ. އެހެންކަމުން އެފަދަ އުފެއްދުންތަކަށް އޭނާގެ ހާއްސަ ޝައުގުވެރިކަމެއް އުފެދިފައި ވާކަން ފާހަގަވެއެވެ.