އިނގިރޭސިވިލާތުގައި 1981 ވަނަ އަހަރު ބޭއްވި ޕްރިންސަސް ޑައާނާ އާއި ޕްރިންސް ޗާލްސްގެ ކައިވެނީގެ ވާހަކަތަކަކީ މިއަދު ވެސް ދެކެވެމުންދާ ވާހަކަ ތަކެކެވެ. ޑަޔާނާގެ ހެދުމުން ފެށިގެން އެ ކައިވެނި ރޫޅެން މެދުވެރިވި ސަބަބަށް ދަންދެން އެއީ ނޫސްތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދަމުން ދާ ހަބަރުތަކެކެވެ.

މިފަހަރު ވެސް މިއޮތީ އެ ކައިވެނީގެ ވާހަކަ އެކެވެ. ކައިވެނީގެ ހަފްލާގައި ޑަޔާނާ ބޭނުންކުރި ބޫޓު ހާއްސަވާ ގޮތުގެ ވާހަކަ އެވެ. ދިގުމިނުގައި 25 ފޫޓުހުރި ހެދުމުގެ ފަސްބައިން އެ ބޫޓު ފޮރުވިފައި ވިޔަސް އެ ބޫޓަކީ ޗާލްސްއަށް ޑަޔާނާގެ ހިތުގައި އޮތް ލޯބީގެ ރަމްޒެކޭ ބުނެވިދާނެ އެވެ.

ޓައުން އެންޑް ކަންޓްރީ މެގެޒިންގައި އާއްމު ކޮށްފައިވާ ރިޕޯޓެއް ބުނާ ގޮތުން ކައިވެނީގެ ހަފްލާގައި ޑައާނާ ބޭނުންކުރި އުސްފައިވާނުގެ ދަށްފުށުގައި ހާއްސަ މެސެޖެއް ލިޔެވިފައިވެ އެވެ.

ޑައާނާ އޭނާގެ ކައިވެނީގައި ބޭނުން ކުރި ބޫޓު

މި ރިޕޯޓާއެކު އާއްމުކޮށްފައިވާ ފޮޓޯއެއްގައި އެ ބޫޓުގެ ދަށްފުށުގައި ހިތަކާއެކު ޗާލްސްއާއި ޑަޔާނާގެ ނަމުގެ ފެށޭ އަކުރު އިނގިރޭސިން ލިޔެފެއިވާކަން ފާހަގަ ކުރެވެ އެވެ.

ކްލައިވް ޝިލްޓަން ނަމަކަށް ކިޔާ ޑިޒައިނަރެއް ފަރުމާކުރި މި ބޫޓު ތައްޔާރުކޮށްފައި ވަނީ 542 ވެލިފޮއްޗާއި 132 މުތް ބޭނުން ކޮށްގެންނެވެ. އަދި ބޫޓުގެ ކޮޅުގައި ހިތެއްގެ ސިފައަށް ހުރި ޖަރީއެއް ލާފައިވެ އެވެ.

މި ބޫޓަކީ ޚުދު ޑަޔާނާ ބޭނުންވި ގޮތަށް ފަރުމާކުރި ބޫޓެއް ކަމަށް ޝިލްޓަން ވަނީ ބުނެފަ އެވެ.

ޝިލްޓަން އިތުރަށް ބުނީ ޑަޔާނާ ވަނީ އެ ބޫޓުގެ އެންމެ ކުދި ކަންކަމަށް ވެސް ވަރަށް ފަރުވާތެރިވެފައި ކަމަށެވެ.