މައްކާ (09 އޮގަސްޓް)- ސައޫދީ އަރަބިއާގެ ދެ ހަރަމްފުޅާ ބެހޭ އިދާރާގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް އެ އިދާރާގެ އިސް މަގާމުތަކަށް އަންހެން ކަނބަލުންތަކެއް އިސްކޮށްފި އެވެ.

އެ އިދާރާގެ ރައީސް ޑރ. އަބްދުއްރަހްމާން އަލް ސުދައިސް މިދިޔަ އާދީއްތަ ދުވަހު ކުރެއްވި މި އިއުލާންގައި ދެ އަންހެން ކަނބަލުން ކަމަށްވާ ޑރ. އަލް އަނޫދު އަލް އަބޫދު އާއި ޑރ. ފާތިމާ އަލް ރަޝޫދު އެ އިދާރާގެ އިސް އެހީތެރިންގެ މަގާމަށް އައްޔަން ކުރައްވާފައިވާ ކަމަށް އަންގަވާފައިވެ އެވެ.

މިއާއެކު ދެ ހަރަމާ ބެހޭ އިދާރާގެ އެކި ގިންތިތަކުގައި އެހީތެރިން އަދި އެޖެންޓްސްގެ ގޮތުގައި އަންހެނުން ހަރަކާތްތެރިވާނެ އެވެ.

ޑރ. ފާތިމާ އަންހެނުންގެ ކަންކަމާ ބެހޭ ރައީސްގެ އެހީތެރިއަކަށް އިސްކުރެވުނު އިރު، ޑރ. އަނޫދު އިސް ކުރެވުނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ބައިގެ އެހީތެރިއެއްގެ ގޮތުގަ އެވެ.

މީގެ އިތުރުން އެ އިދާރާއިން ވަނީ އިތުރު 320 އަންހެނުން ވަޒީފާގެ މާހައުލަށް ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ވެސް އިއުލާން ކޮށްފަ އެވެ.

ސައޫދީ އަރަބިއާގައި އަންހެނުންނަށް އޮތް ވަޒީފާގެ ފުރުސަތުތައް ހޮޅުވެމުން ދާއިރު ޒުވާން ގިނަ އަންހެނުން ތަކެއް ދަނީ މި ވަޒީފާތަކަށް ހުށައަޅަމުންނެވެ. -- އަލް އަރަބިއްޔާ