ޓީޗަރުން ކުރައްވާ ބުރަ މަސައްކަތާއި ހޭދަ ކުރައްވާ ގިނަ ވަގުތުތަކާ އެކަށޭނަ ގޮތުން މި އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން ރެހެންދި ސްކޫލްގައި މިއަދު ހެނދުނު ބޭއްވި ޚާއްސަ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
ޓީޗަރުންނަކީ، ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދު ކަމަށްވާ، މީހުން ބިނާކުރުމުގެ ޢަމަލީ މަސައްކަތް ތަންފީޒުކޮށްދެއްވާ ބޭފުޅުންކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށްޓަކައި ވެސް، ތައުލީމީ ދާއިރާގެ ޚިދުމަތްތެރިންނަށް ރަނގަޅު ގޮތްތައް ހަދައިދިނުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް-19ގެ ދަތި އުނދަގޫތަކުގެ ތެރޭގައި ވެސް، ދިރާސީ އައު އަހަރަކާ ބައްދަލުކުރާ އިރު، މިއަދު ގަދައަޅައި މަސައްކަތްކުރަންވީ، ކޮވިޑް ކޮންޓްރޯލް ކުރުމުގައި މިލިބުނު ކުރިއެރުން އެ ގޮތުގައި ދަމަހައްޓައި، ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދިޔުމުގައި ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް، ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިން ވެސް ފުރިހަމައަށް ޢަމަލުކުރެއްވުން ކަމަށެވެ.
މިދިޔަ ދިރާސީ އަހަރުގެ ވަރަށް ގިނަ ދުވަސްތަކެއްގައި، ދަރިވަރުން ތިބެންޖެހުނީ ސްކޫލަށް ދާނެ ފުރުސަތެއް ނުލިބި، ވަރަށް ބޮޑު ނުތަނަވަސްކަމެއްގައި ކަމަށާއި، އެހެންކަމުން މިއަދު މި ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ހުރިހާ ދަރިވަރުން ވެސް ދިރާސީ އައު އަހަރުގެ ކިޔެވުން ކުރިއަށް ގެންދަންވީ އުފާވެރިކަމާއި ހިތްހަމަޖެހުމާ އެކުގައި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މި ފެށުނު ދިރާސީ އަހަރަކީ، ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް، ހެޔޮ ބަދަލުތަކެއް އަންނާނެ އަހަރެއް ކަމަށް އެމަނިކުފާނު އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އައު އާންމު ހާލަތާއެކު ކުރިއަށް ދިޔުމުގައި ސަރުކާރުން މިހާރު ފަށާފައިވާ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ހުރިހާ ކުދިންނަށް، ކޮވިޑް ވެކްސިން ޖެހުމުގެ ޚާއްޞަ ޕްރޮގްރާމެއް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، ސަރުކާރުގެ މިހާރުގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން، ހުރިހާ ކުދިންނަށް ވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މަޖިލިސް މެމްބަރުންނަށް ލިބޭ ކަަހަލަ އިމްތިޔާޒްތައްވެސް ބޭނުން.
ތަޢުލީމާއި ސިއްހަތު ރަގަޅު ވުމަކީ ޤައުމުގެ ދުޅަހެޔުކަން ރަގަޅުވާނެކަމެއް !
ދުނިޔޭގަ އުޅެން ޖެހޭނީ މަޖިލީހުގެ މެމްބަރުން އެކަނި. ޓީޗަރުންގެ މަސައްކަތް ނޭނގޭ މީހުންނަކަށް ތިވާހަކައެއް ނުދެއްކޭނެ. ގައުމެއްގަ ތިބޭނެ އެންމެ މުހިއްމު މީހުންގެ ތެރޭގެ އެއްބަޔަކީ ޓީޗަރުންކަން ބައިރޯ އަކަށް ނޭގުނީމާ ވަރަށް ދެރަ.
ޓީޗަރުންގެ މުސާރަ ބޮޑުކުރަން ވަަހަކަ ދައްކާއިރު މިހާރު ޓީޗަރުންނަށް ލިބެމުންދާ ޕްރޮމޯޝަންތައްވެސް ނުދީ ހިފަހައްޓާފައިވާތީ ޓީޗަރުން ވަރަށް ބޮޑަށް ކަންބޮޑުވޭ
ދުނިޔެ އުޅެން ޖެހެނީ ޓީޗަރުން އެކަނި ނޫން