ކޮވިޑް- 19އަށް ރާއްޖެއިން ޕޮޒިޓިވްވި އަދަދު 11،000 އަށް ވުރެ މައްޗަށް އަރައިފި އެވެ.

އެޗްޕީއޭ އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ޕޮޒިޓިވްވި 69 މީހުންނާއެކު، ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވް އަދަދު ވަނީ 11،062 އަށް އިތުރުވެފަ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ރާއްޖެއިން ޕޮޒިޓިވްވި 69 މީހުންގެ ތެރެއިން 40 މީހުންނަކީ ބިދޭސީންނެވެ. އަދި އަތޮޅުތަކުގެ ރަށްތަކާއި ރިސޯޓްތަކުން ހަ މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 47 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 9،880 އަށް އަރައިފަ އެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 28 ދިވެހިންނާއި ހަތް ބިދޭސީއެކެވެ.

މި ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދު 1،140 އަށް އިތުރުވިއިރު، 367 މީހަކަށް މިހާރު ވެސް އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 61 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާގައި އެކަކަށް ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 52 މީހަކަށް ވޯޑުގައި އަދި ތިނއ މީހަކަށް އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ.