ބޮލީވުޑްގެ މަޝްހޫރު ތަރި ތާޕްސީ ޕަންނޫގެ "ރަޝްމީ ރޮކެޓް" 58 ކަރޯޑް ރުޕީސް (37.5 މިލިއަން ޑޮލަރު) އަށް ވިއްކާލައިފި އެވެ.

ތާޕްސީ ޕަންނޫއަކީ ބޮލީވުޑްގައި މިހާރު ތިބި ބަތަލާއިންގެ ތެރެއިން އެންމެ ކުޅަދާނަ އެއް ބަތަލާ އެވެ. އުމުރުން ހަގަސް އަދި ހިންދީ ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރާތާ ވީ ދުވަސްކޮޅު މަދަސް، މި މަދު ދުވަސްކޮޅުގެ ތެރޭގައި ވެސް ތާޕްސީ ވަނީ ތަފާތު މޮޅު ރޯލުތައް ކުޅެގެން އޭނާގެ ހުނަރުވެރިކަން ސާބިތު ކޮށްދީފަ އެވެ. އަދި މިވަގުތު އެންމެ ގިނަ ފިލްމުތަކެއްގައި މަސައްކަތް ކުރަމުން އަންނަ އެއް ފަންނާނަކީ ތާޕްސީ އެވެ.

އެންމެ ފަހުން ނުކުތް ނެޓްފްލިކްސްގެ މިސްޓްރީ ތްރިލާ "ހަސީން ދިލްރުބާ" ގައި ތާޕްސީ ކުޅުނު ރޯލަށް ގިނަ ބަޔެއްގެ ތައުރީފް ވަނީ ލިބިފަ އެވެ.

https://www.youtube.com/watch?v=e8TwiCeRYzk

ތާޕްސީގެ ކުރިއަށް އޮތް ފިލްމު "ރަޝްމީ ރޮކެޓް" އުފައްދާ ފަރާތުން މިވަނީ ޑިޖިޓަލްކޮށް މިފިލްމު ނެރުމަށް ނިންމާފަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި "ރަޝްމީ ރޮކެޓް" 58 ކަރޯޑް ރުޕީސްއަށް މިހާރު ވަނީ ޒީ 5 އަށް ވިއްކާލާފަ އެވެ.

ތާޕްސީގެ މިފިލްމުން ފެނިގެންދާނީ ބައިނަލްއަގްވާމީ އެތުލެޓިކްސް މުބާރާތެއް ކާމިޔާބުކުރުމުގެ ހުވަފެން ދެކެމުންދާ މީހެއްގެ ބައިންނެވެ.

އާކާޝް ކުރާނާ ޑައިރެކްޓުކުރާ މި ފިލްމުގައި ސުޕުރިޔާ ޕަތަކް، އަބީޝެކް ބެނަރްޖީ އަދި ޕްރިޔަންޝޫ ޕައިންޔުލީ މުހިއްމު ރޯލްތަކުން ފެނިގެން ދާނެ އެވެ.

މި ފިލްމުގެ ޝޫޓިން ތާޕްސީ ވަނީ މިއަހަރު ޖެނުއަރީގައި ނިންމާލާފަ އެވެ.