މި އަހަރު ވެފައި މިވަނީ މޫސުމީ ގޮތުން ދުނިޔޭގެ އެކި ހިސާބުތަކަށް ގިނަ ނުރައްކާތެރި ހާދިސާތަކެއް ކުރިމަތިވެ، ބޮޑެތި ގެއްލުންތަކެއް ލިބުނު އަހަރަކަށެވެ.

ގްރީސްގެ ޖަންގަލިތަކުގައި ރޯވުން

މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ހަފްތާއެއް ވަންދެން ގްރީސްގެ ޖަންގަލިތަކުގައި ރޯވެ އެނދި އަލިފާން ގަނޑަކީ ތާރީޚުގައި ވެސް މިހާތަނަށް އެ ގައުމަށް ކުރިމަތިވި އެންމެ ނުރައްކާތެރި ތިމާވެށީގެ ހާދިސާ ކަމަށް ސަރުކާރުން ސިފަ ކޮށްފައިވެ އެވެ.

މިދިޔަ 30 އަހަރު ދުވަަހު ތެރޭގައި ނުވާ ވަރަށް ޖައްވު ހޫނުވުމުގެ ސަބަބުން ކުރިމަތިވި ހާދިސާގައި މިހާތަނަށް 12 މީހަކު ވަނީ މަރުވެފަ އެވެ.

މެޑްރިޑަށް ރެކޯޑް މިންވަރަކަށް ސްނޯ ފޭބުން

މި އަހަރުގެ ކުރީކޮޅު ސްޕެއިނަށް ކުރިމަތިވި ފިލޮމެނާ ސްނޯ ތޫފާންގެ ސަބަބުން ރެކޯޑް މިންވަރަކަށް މެޑްރިޑަށް ވަނީ ސްނޯ ފައިބައފަ އެވެ.

މިދިޔަ 50 އަހަރު ތެރޭގައި އެންމެ ބޯކޮށް ސްނޯ ފޭބި އެ މުއްދަތުގައި އެ ސަރަހައްދުގެ ދަތުރުފަތުރަށް ބުރޫ އަރައި ފިނިހޫނު މިން އިންތިހާއަށް ދަށްވުމުގެ ސަބަބުން ދުވަސްވީ މީހުން ގޭގައި ތިބުމަށް ވަނީ އަންގާފަ އެވެ.

މި ތޫފާނުގައި އެ ގައުމަށް 1.4 ބިލިއަން ޔޫރޯގެ ގެއްލުން ވެފައިވާ ކަމަށް ނިއު ޔޯކް ޓައިމްސްގައި ބުނެފައިވެ އެވެ.

ޗައިނާގެ އެކި ހިސާބުތަކުގައި ފެންބޮޑުވުން

ޖުލައި މަހު ޗައިނާއަށް ބޯކޮށް ވާރޭވެހި ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި 302 މީހަކު މަރުވެ ގިނަ ބަޔަކު ގެއްލިފައިވެ އެވެ.

ތިން ދުވަހުގެ ތެރޭގައި ރެކޯޑް މިންވަރަކަށް ވާރޭ ވެހި ގިނަ ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ގެންދަން ޖެހިފަ އެވެ. މީގެ އިތުރުން ޗައިނާގެ ދަނޑުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.