ޗުއްޓީއަށް ފަހު މާދަމާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފެށުމަށް ތާވަލްކޮށްފި އެވެ.

މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ޖަލްސާގެ އެޖެންޑާ ވެސް މިހާރު އާއްމުކޮށްފަ އެވެ.

މާދަމާގެ އެޖެންޑާގައި ހިމަނާފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމުގެ މައްސަލައާއި، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މެންބަރަކު އައްޔަނުކުރުމުގެ މައްސަލަ އެވެ.

މީގެ އިތުރުން މާދަމާގެ ޖަލްސާގައި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހުށަހަޅުއްވާފައިވާ، އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާއި ބެހޭ ބިލަށް ބަހުސް ކުރުން ވެސް އޮންނާ އެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށަން ތައްޔާރުވާއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާދަމާގެ ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވާނެ އެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގަ އެވެ.

އެހެންކަމުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އަހަރުގެ ފުރަތަމަ ދައުރު ކުރިއަށް ދާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އަދި މަޖިލީހުގެ ތިން ވަނަ ދައުރު ހިނގާނީ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.