ރެސްލިންގް ޗެމްޕިއަން ޖޯން ސީނާ އޭނާގެ ލޯބިވެރިޔާ ޝޭ ޝެރިއާޒަޑާއާ ކައިވެނިކޮށްފި އެވެ. 2019 އިން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މި ދެމީހުން ކައިވެނިކޮށްފައިވަނީ ފްލޮރިޑާގެ ޓަމްޕާގައި އޮތް ވަރަށް ސިއްރު ހަފްލާއެއްގަ އެވެ. މިއީ ޖޯން އަދި ޝޭގެ ވެސް ދެވަނަ ކައިވެންޏެވެ.

ޖޯން އާއި ޝޭ ބައްދަލުވެފައިވަނީ 2019 އަހަރު ނުކުތް ކޮމެޑީ ފިލްމް "ޕެްލެއިންގް ވިތް ފަޔާ" ގެ ސެޓުންނެވެ. އަދި ގުޅުން ރަސްމީކޮށް އިއުލާންކޮށްފައިވަނީ މިފިލްމުގެ ރެޑް ކާޕެޓް ޕްރިމިއާއިންނެވެ. ހޮލީވުޑްގެ ހަބަރުތައް ކަވަރު ކުރާ އެޖެންސީތަކުން ބުނާ ގޮތުގައި ޖޯން އާއި ޝޭ ބައްދަލުވިތާ ގިނަ ދުވަސްތަކެއް ނުވަނީ އެގުޅުން ސީރިއަސްވެގެން ދިޔަކަން ފެނިގެންދިޔަ އެވެ.

ޝޭ އާއި ބައްދަލުވުމުގެ ކުރިން ޖޯން ސީނާ ވަނީ ރިޓަޔަޑް ރެސްލިންގް ކުޅުންތެރިޔާ؛ ނިކީ ބެއްލާ އާއި އެކު 6 އަހަރު ދުވަސް ވަންދެން އެންގޭޖުވެގެން އުޅެފަ އެވެ. މިގުޅުން ނިމުމަކަށް އައި ސަބަބު ހާމަކުރަމުން ނިކީ ބުނެފައިވަނީ، ވަކިވާން ޖެހުނީ ދަރިއެއް ހޯދުމާއި މެދު އޭނާ އާއި ޖޯން ހިޔާލު ތަފާތުވެގެންނެވެ. އޭރު، އޭނާ މަންމައަކަށް ވުމަށް ތައްޔާރުވެފައިވީ ނަމަވެސް ޖޯން ތައްޔާރު ނުވުމުން ދެފަރާތުން ވާހަކަ ދެއްކުމަށްފަހު ވަކިވީ ކަމުގައި ނިކީ ބުންޏެވެ.