ބޮލީވުޑް މަޝްހޫރު ތަރި ރަންދީޕް ހޫޑާއަކީ އެކްޓިންގެ ދާއިރާގައި އޭނާ ކުޅޭ ރޯލްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ގެނެސްދޭ މޮޅު އެކްޓަރެކެވެ.

މިގޮތުން ފިލްމު "ސަރަބްޖިތް"ގައި ރަންދީޕް ވަނީ އޭނާ ރޯލުން މިކަން ސާބިތު ކޮށްދީފަ އެވެ. މި ފިލްމުގައި ރަންދީޕް ކުޅެފައި ވަނީ 23 އަހަރު ވަންދެން ޕާކިސްތާން ޖަލުގައި ހައްޔަރުކޮށްފައިވާ އިންޑިއާގެ ދަނޑުވެރިއެއްގެ ރޯލް އެވެ.

ރަންދީޕް ގެ"ސަރަބްޖީތް" ގެ ޕޯސްޓަރު

ގިނަބަޔަކަށް ނޭގުނު ނަމަވެސް އެކްޓަރު ރަންދީޕް ވަނީ މި ރޯލަށްޓަކައި ބޮޑެތި ބަދަލުތަކެއް ހަށިގަނޑަށް ގެނެސް މަހެއްގެ ތެރޭގައި ޖަލުގެ ގައިދީއެއްގެ ސިފަ ގެނުވައިފަ އެވެ.

28 ދުވަހުގެ ތެރޭގައި 18 ކިލޯ ރަންދީޕް ލުއި ކޮށްލާފައި ވަނީ ދުވާލަކަށް 500-600 ކެލޮރީސް އާ ދެމެދުގެ ޑައިޓެއް ޖައްސައިގެންނެވެ.

އިތުރަށް ރޯލް ތެރެއަށް ވަނުމަށް ރަންދީޕް ވަނީ އޭނާ އަމިއްލައަށް ހަދާފައިވާ ޖަލެއްގެ ތެރޭގައި ބަންދުވެ، ކެއުމާ ދުރުވުމުގެ އިތުރުން 2.5 ކިލޯގެ ބިޑިއެއް ވެސް އަތުގައި އެޅި ކަމަށް ރަންދީޕް ވަނީ ބުނެފަ އެވެ.

ރަންދީޕް މިގޮތަށް ކަންތައް ކޮށްފައިވަނީ ޖަލުގައި ހޭދަ ކުރާނެ ގޮތާއި އުނދަގޫތައް ރޯލުން ދައްކަންވެގެންނެވެ. މި ރޯލަށް ތައްޔާރުވުމުގެ ތެރޭގައި ރަންދީޕްގެ ފުރާނައަށް ނުރައްކާވަރަށް ވަނީ ތައްޔާރުވެފަ އެވެ. ނަމަވެސް އެވޯޑް ޝޯތަކުގައި ވަނީ މި ފިލްމަށް އެއްވެސް އެވޯޑެއް ލިބިފައެއް ނުވެ އެވެ.

ސަރަބްޖީތް ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗައް ބިނާކޮއްފައިވާ ފިލްމެކެވެ. މި ފިލްމުގައި ރަންދީޕްގެ ދައްތަގެ ބައިން އައިޝްވާރިޔާ ރާއީ ބަޗަން ފެނިގެންދެ އެވެ.