ލަންޑަން (25 އޮގަސްޓް) - ފައިޒާ ވެކްސިންގެ ދެ ޑޯޒް ހަމަކުރުމަށްފަހު ހަ މަސް ހަމަވުމުން ވެކްސިންގެ ބާރު ދަށްވާން ފަށާ ކަމަށް އިނގިރޭސި ވިލާތުގައި ހެދި ދިރާސާއަކުން ދައްކައިފި އެވެ.

އެގޮތުން މި ދިރާސާގައި ބުނެފައިވަނީ ފައިޒާ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާތާ ހަމަސް ފަހުން އެ ވެކްސިންއިން ލިބޭ ރައްކާތަރިކަން 88 ޕަސެންޓުން 74 ޕަސެންޓަށް ދަށްވާ ކަމަށެވެ. އަދި އެސްޓްރާޒެނެކާގެ ވެކްސިންގެ ރައްކާތެރިކަން ކުޑަވެފައި ވަނީ 77 ޕަސެންޓްއިން 67 ޕަސެންޓަށް ކަމަށް ބުނެފައިވެ އެވެ.

މި ދިރާސާއަކީ 1.2 މިލިއަން މީހުންގެ މެދުގައި ހެދުނު ދިރާސާއަކަށް ވީއިރު ކުރިން ހެދި ދިރާސާތަކުން ދައްކާ ގޮތުގައި ވެކްސިންއިން ރައްކާތެރިކަން މަދުވެގެން ހަ މަސް ދުވަހަށް ލިބޭނެ އެވެ.

މި ދިރާސާއާއެކު ވެކްސިންގެ ތިންވަނަ ޑޯޒެއްގެ މުހިއްމުކަން ހާމަވެފައިވާ ކަމަށް ދިރާސާ ކުރި ސައިންސްވެރިން ބުނެފައިވެ އެވެ.

އިނގިރޭސި ވިލާތް ހިމެނޭހެން ގިނަ ގައުމުތަކަކުން އަންނަނީ ކޮވިޑް 19ގެ ތިންވަނަ ޑޯޒެއް ޖެހުމަށް ރައްޔިތުންނަށް އަންގަމުންނެވެ. – އަލް އަރަބިއްޔާ