ބޮލީވުޑްގެ ތަރި ސަނީ ލިއޯން ރާއްޖެ އަތުވެއްޖެ އެވެ.
ބޮޑެތި ރިއަލިޓީ ޓީވީ ޝޯތައް ހުށަހަޅައިދިނުމާއި އޭނާގެ ނެށުމުގެ ހުނަރުގެ އިތުރުން އެކްޓްކުރުމުގެ ހުނަރުން ގިނަ ބައެއްގެ ހިތުން ޖާގަ ހޯދައިފައިވާ ސަނީ ލިއޯން ވަނީ ރާއްޖެ އައިސް ސަން ސިޔާމް އޮޅުވެލީގައި ހުރެ ނަގާފައިވާ ފޮޓޯއެއް ރޭ އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފަ އެވެ.
ސަނީ ލިއޯން ވަނީ އޭނާ އާއި އޭނާގެ ފިރިމީހާ ޑެނިއެލް ވެބާ އާއި ތިން ދަރިންނާއެކު ރާއްޖެ އައިސް އޮޅުވެލި ރިސޯޓަށް ދަތުރުކުރި ބައެއް މަންޒަރުތައް ފެންނަ ސްޓޯރީއެއް ވެސް އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފަ އެވެ.
ސަނީ ލިއޯން ބޮލީވުޑަށް ތައާރަފް ވެގެން ދިޔައީ 2011 ވަނަ އަހަރު ޓީވީ ޝޯ ބިގް ބޮސްގައި ބައިވެރިވި ހިސާބުންނެވެ. އޭނާގެ ފުރަތަމަ ބޮލީވްޑް ފިލްމަކީ 2012 ވަނަ އަހަރު ނެރުނު ޖިސްމް-2 އެވެ. އޭގެ ފަހުން އޭނާ ވަނީ ބޮލީވްޑްގެ ހަފިލްމެއް ކުޅެފައެވެ. އެންމެ ފަހުން އޭނާ ކުޅެފައި ވަނީ މަލިޔާލަމް ފިލްމެކެވެ. އެފިލްމް ރިލީޒް ކުރީ 2019 ވަނަ އަހަރު އެވެ.
މިހާރު އުމުރުން 40 އަހަރު ވެފައިވާ ސަނީ ލިއޯން އާއި ޑެނިއަލް ވީބާ ކައިވެނީގެ ގޮތުން ގުޅިފައި ވަނީ 2011 ވަނަ އަހަރު އެވެ. މީގެ ތިން އަހަރު ކުރިން މި ދެމަފިރިން ވަނީ އަންހެން ކުއްޖަކު އެޑޮޕްޓްކޮސްފަ އެވެ. އަދި 2018 ވަނަ އަހަރުގެ ތެރޭގައި ސަރޮގެސީ މެދުވެރިކޮށް އެ މީހުން ވަނީ ދެ ފިރިހެން ކުދިން ވެސް ހޯދާފަ އެވެ.