ވިލާ އެއާގެ ފްލައިމީ އިން އިންޑިއާގެ ބެންގަލޫރަށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ފްލައިމީން ބެންގަލޫރަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެންނެވެ.

މިދަތުރުތަކުގައި ބޭނުންކުރާނީ އޭޓީއާރް 600-72 މަރުކާގެ ބޯޓެވެ. މިދަތުރުތަކުގެ ޓްރެވެލް އޭޖެންޓެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އެއާލައިން އިންޑަސްޓްރީގައި 40 އަހަރުގެ ތަޖުރިބާ ލިބިފައިވާ އިންޑިޔާގެ ނިޖަވާން ގްރޫޕް ބައިވެރިވެ އެވެ.

2011 ވަނަ އަހަރު އޮޕަރޭޓް ކުރަން ފެށި ފްލައިމީގައި އޭޓީއާރް މަރުކާގެ ހަތަރު މަތިންދާ ބޯޓު މިވަގުތު އެބައޮތެވެ. އޭގެ ތެރޭގައި ހިމެނެނީ، 72 ގޮނޑީގެ އޭޓީއާރް 600-72 ބޯޓާއި، 68 ގޮނޑީގެ އޭޓީއާރް 500-72 ދެ ބޯޓާއި، 48 ގޮނޑީގެ އޭޓީއާރް 500-42 ބޯޓެވެ.

މިދިޔަ ސެޕްޓެމްބަރުމަހުގެ ހަތަރު ވަނަ ދުވަހު ސްރީލަންކާއަށް ކުރި ދަތުރާއެކު، ފްލައިމީން ވަނީ ބައިނަލްއަގްވާމީ ދަތުރުތައް ވެސް ފަށާފަ އެވެ. ސްރީލަންކާއާއި މާލެއާ ދެމެދު ދަތުރުކުރުމަށް ފްލައިމީން ބޭނުންކުރަނީ 72 ގޮނޑީގެ އޭޓީއާރް 600-72 ބޯޓެވެ.

ފްލައިމީން ބައިނަލްއަގްވާމީ ދަތުރުތައް މިފެށީ، އެއާ އޮޕަރޭޝަން ސެޓްފިކެޓް (އޭއޯސީ) ލިބުމާ އެކުގަ އެވެ.