އޭނާ އަކީ މުސްލިމެއް ނޫން ކަމަށް ނިއުޒީލެންޑްގެ ގާނޫނު ހަދާ މަޖިލީހަށް އިންތިޚާބުވި ދިވެއްސެއްގެ ދަރިއެއް ކަމަށްވާ ޑރ. އައިޝާ ޖެނިފާ ވެރޯލް ވިދާޅުވެއްޖެ އެވެ.

މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި ޑރ. އައިޝާ ވިދާޅުވީ އޭނާ އަކީ މުސްލިމެއް ނޫން ކަމަށެވެ. އެކަމަކު އޭނާ އީދު ފާހަގަކުރާ ކަމަށް ވިދާޅުވި އެވެ.

އީދު ފާހަގަކުރައްވަނީ ރިހައާއި އެކި އެއްޗެހި ކައްކަވައިގެން ބޮޑު ކެއުމެއް ތައްރުކުރައްވައި އޭނާއާއެކު ސިޔާސީ ވާހަކަދައްކަވާ ބޭފުޅުންނާއި އެކުގައި ކަމަށް ވެސް ޑރ. އައިޝާ ވިދާޅުވި އެވެ.

ޑރ. އައިޝާއަކީ ރައީސް ނަޝީދުގެ މަންމާފުޅުގެ ކޮއްކޯފުޅު، ލަތީފާ އަހުމަދުގެ ދަރިކަނބަލެކެވެ. ޑރ. އައިޝާގެ ބައްޕާފުޅަކީ ނިއުޒިލެންޑްގެ ބޭފުޅެކެވެ.

ނިއުޒިލެންޑަށް އުފަން އަދި އެ ގައުމުގައި ދިރިއުޅުއްވަމުން ގެންދަވާ ޑރ. އައިޝާގެ އަތްޕުޅުގައި ދެ ގައުމުގެ ޕާސްޕޯޓު ވެސް އޮވެ އެވެ.

ޑރ. އައިޝާ އަކީ ނިއުޒިލެންޑްގެ އިންތިހާބު ކާމިޔާބު ކުރި ލޭބާ ޕާޓީގެ ކެންޑިޑޭޓެކެވެ. ނިއުޒިލެންޑްގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވައި އޭނާ ކާމިޔާބު ކުރެއްވީ ވެލިންޓަން ދާއިރާގެ ގޮނޑިއެވެ. އަދި މިއީ އެ ގައުމުގެ އިންތިހާބެއްގައި ޑރ. އައިޝާ ވާދަކުރެއްވި ފުރަތަމަ ފަހަރެވެ.

ޑރ. އައިޝާއަށް އެނަން ދީފައި ވަނީ ވެސް އޭނާ އާއި ރައީސް ނަޝީދުގެ މާމާފުޅު އައިޝާ ދީދީގެ ނަންފުޅަށް ނިސްބަތްކޮށެވެ.

ޑރ. އައިޝާ އަކީ ސިޔާސީ ބޭފުޅެއްގެ އިތުރުން ނިއުޒީލަންޑްގައި މަޝްހޫރު ގައިން ގަޔަށް އަރާ ބަލިތަކުގެ ހާއްސަ ފިޒީޝަނެކެވެ. އަދި ޓީބީ ފަދަ ބަލިތައް ދިރާސާކުރައްވާ ތަޖުރިބާކާރެކެވެ. މީގެ އިތުރުން ޑރ. އައިޝާއަކީ ކޮވިޑް -19ގެ ކަންތައްތަކާ ގުޅޭ ގޮތުން ވެސް އެ ގައުމުގެ ހެލްތު މިނިސްޓްރީއަށް ލަފާ ދެއްވާ ބޭފުޅެކެވެ.