ދިރިނޫޅެވޭ ވަރުގެ ކުދި ބިންކޮޅުކޮޅުގަ އާއި، ކުދިކުދި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެ މީހުން އިޚްތިޔާރުކުރާ އެހެންތަނަކުން އެކަށީގެންވާ ވަރުގެ ގޯއްޗެއް ފޯރުކޮށްދޭނެ ކަމަށް ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދުމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ބޮންޑޭ ހުށައެޅުއްވި މައްސަލާގައި ވިދާޅުވެފައި ވަނީ 2018 ވަނަ އަހަރު އެމްޑީޕީން ހުށަހެޅި މެނިފެސްޓޯގައި އަދި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ ގޯތިގެދޮރުގެ ދަތިކަމަށް ހައްލު ހޯދައިދިނުމާއި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގައި ދަތި ތަންތަނުގައި ދިރިއުޅޭ ފަރާތްތަކަށް ދިރިއުޅުމަށް އެކަށީގެންވާ މިންވަރުގެ ގޯތި ފޯރުކޮށްދިނުން ހިމެނޭ ކަމަށެވެ. އަދި އޭގެ އިތުރަށް މާލޭގައި އެކަށީގެންވާ ވަރުގެ ބިމެއް އޮވެ، އެ ބިމުގައި އިމާރާތްކުރާނެ ވަރުގެ ތަނަވަސްކަން ނެތް އާއިލާތައް ދެނެގަނެ އެ އާއިލާތަކަށް ލުއިފަސޭހަކޮށް އިމާރާތްކުރެވޭނެ ގޮތްތަކެއް ހޯދުމަކީ ވެސް އެ ސިޔާސަތުގެ ބައެއްކަން ބޮންޑެ ހުށަހެޅުއްވި މައްސަލާގައިވެ އެވެ.

"މަސްތުވާތަކެއްޗާއި، އިޖްތިމާއީ މައްސަލަތަކުގެ ހާއްޔަކަށް މާލެ މިއޮތީވެފައި. މިކަންކަން ޙައްލުކުރެވޭނީ ބޯހިޔާވަހިކަމަށް ހައްލެއް ލިބިގެން. ހުޅުމާލެއިން ހުއްޓުމެއް ނެތި ގޯތި ވިއްކަމުންދާ މައްސަލައަށް ވެސް ހައްލު ހޯދަންޖެހޭ،" ބޮންޑޭ ވިދާޅުވި އެވެ.

މާލޭގައި ވަރަށް ނިކަމެތި އާއިލާތައް އެބަތިބި ކަމަށާއި މީގެ އެއްވެސް އަޑެއް ނީވޭ ކަމަށާއި މި މައްސަލަ ހުށައެޅީ ރައީސުލްޖުމްހޫރިއްޔާގެ ވައުދަކަށް ވާތީ ކަމަށް ބޮންޑޭ ވިދާޅުވި އެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުއްލި ކުއްލިއަށް މަޝްރޫއުތައް އިއުލާންކުރެވޭ ތަން އެބަ ފެންނަ ކަމަށާއި މާލޭގެ ރައްޔިތުންނަށް ވެފައިވާ ބޯހިޔާވަހިކަމުގެ ވައުދު ނުފުއްދާ ދެން އަނބުރާ ވެރިކަމަށް ނާދެވޭނެ ކަމަށް ވެސް ބޮންޑޭ ވިދާޅުވި އެވެ.