ރާއްޖޭގައި ކުރިން އޮތް އިންސާނީ ވަގުފާރީގެ މައްސަލަ މިހާރު ހުއްޓުވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވީ ގަވާއިދާއި ހިލާފަށް ބިދޭސީން އުޅޭ އަދަދާ ގުޅޭގޮތުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އަޒިމް ހުށައެޅުއްވި ސުވާލަށް މަޖިލީހުގައި ޖަވާބުދެއްވަމުންނެވެ.
ފައްޔާޒް ވިދާޅުވި، ރާއްޖެއަށް ބިދޭސީން އެތެރެވާ މިންވަރު ބަލަހައްޓާ ނިޒާމު މީގެ ކުރިން އެންމެ އެކަށީގެންވާ ގޮތުގައި ބެލެހެއްޓިފައި ނުވާކަމަށެވެ. އެހެންކަމުން ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ސީދާ އަދަދު ސާފުނުވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
ރާއްޖެއަށް ބިދޭސީން އެތެރެވާ މިންވަރު ބަލާ ނިޒާމަށް ބަދަލުތަކެއް ގެނެސް މިސަރުކާރުން އެ ނިޒާމް ވަރަށް ރަނގަޅަށް ބަލަހައްޓަމުންދާ ކަަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
ބިދޭސީ ވަގުފާރި ނުވަތަ އިންސާނީ ވަގުފާރީގެ މައްސަލައަކީ ވަރަށް ހަޑި މުޑުދާރު ހާލަތެއްގައި ދިވެހި ރާއްޖެ އޮތްކަމެއް މައްސަލައެއް ކަމަށާއި އޭގެ ރެކޯޑް ވެސް ރަނގަޅަށް ބެލެހެއްޓިފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ރެކޯޑެއް ބެލެހެއްޓިފައި ނެތް. ނޫނީ ގަސްތުގައި ބަލަހައްޓާފައިނެތީ. އެކްސްޕެޓް އޮންލައިން ސިސްޓަމޭ ކިޔާފަ އިންނަ ސިސްޓަމަކީ އޮންލައިން ސިސްޓަމެއް ނޫން. އަދިވެސް އަޅުގަނޑުމެން މިއުޅެނީ އެއަށް ގެންނަވާ ބަދަލުތައް އެއްކޮށް ނުގެނެވިގެން،" ފައްޔާޒް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އިންސާނީ ވަގުފާރިކޮށްގެން ގެންނަ ގިނަ މީހުންނަކީ ބަންގްލަދޭޝް އާ ގުޅިފައިވާ މީހުން ކަމަށެވެ. އަދި މީގެ ކުރިން ހިނގަމުން އައި ސިސްޓަމުން އެކަން ކުރުމަށް އޮތީ ވަރަށް ބޮޑަށް މަގުފަހިވެފައި ކަމަށާއި އޭގެ ނާޖާއިޒް ފައިދާ ގިނަ ބަޔަކު ނަގަމުން އައި ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
"އިންސާނީ ވަގުފާރި އެއް މިއަދަކު ރާއްޖެއަކު ނެތް. އެހެންނަމަވެސް އަދިވެސް އަޅުގަނޑުމެން ރަނގަޅުކުރަން ޖެހޭ ބައިވަރު ކަންތައްތައް އެބަހުރި. މީހުން ގެންގުޅޭ ގޮތާއި އެހުރިހާ ކަމަކަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
ބިދޭސީންގެ މައްސަލައަކީ ފާއިތުވި 25 އަހަރުތެރޭގައި އުފެދިފައިވާ މައްސަލައެއް ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
ހެހެހެހެހެހެ. ބޯހަލާކު