އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރިޔާސަތާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ހަވާލުވެވަޑައިގެންފި އެވެ.

އާއްމު މަޖިލީހުގެ ރިޔާސަތާއި ޝާހިދު ހަވާލުވެވަޑައިގެންނެވިއިރު، މިއީ ދިވެއްސަކު މި މަގާމާއި ހަވާލުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އާންމު މަޖިލީހުގެ ރިޔާސަތާ ރޭ ހަވާލުވުމަށް ފަހު ދެއްވި ތަގުރީރުގައި މިނިސްޓަރު ޝާހިދު ވަނީ ދިވެހި ރާއްޖެއަށް ގައުމުތަކުން ދެއްވި އިއްޒަތާއި ޝަރަފަށްޓަކައި އިޚްލާސްތެރިކަމާއެކު ޝުކުރު ދަންވައިފަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު، އދ. އާންމު މަޖިލީހުގ 76 ވަނަ ސެޝަންގެ ރިޔާސަތާ ރޭ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ތަގުރީރު ދެއްވަނީ.

"ދިވެހި ގައުމުގެ ފަހުރުވެރި އަބްޠާލުންގެ މަތިވެރި ޖިހާދާއި، ދިވެހި ރައްޔިތުންގެ ހިތްވަރުގަދަ ޤުރުބާނީގެ ސަބަބުން މިއަދު ދިވެހި ދައުލަތުގެ ނަން ވިދަމުން ދަނީ ބައިނަލްއަޤްވާމީ އުދަރެހުގެ އެންމެ އުހުގައި. މި ހިނދު އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއްކަމުގައި ދެކެނީ ދިވެހި ރާއްޖެއަށް މިފަދަ މަތިވެރި ޝަރަފްވެރި ފަޚުރެއް މިންވަރު ކުރެއްވި ކަމަށްޓަކައި އަރަހުށި ހުސްޠާހިރުވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރުން،" މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އޭނާގެ އެންމެ މުހިންމު އަމާޒަކަށް ވާނީ މުޅި ދުނިޔޭގެ އާބާދީ ވެކްސިނޭޓް ކުރުން ކަމަށެވެ. އަދި ވީހާ ވެސް އަވަހަކަށް ވެކްސިން ލިބުމުގައި އެކި މީހުންގެ މެދުގައި އޮތް ފަރަގު ނައްތާލަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ހިތާބުގައި ޝާހިދު ވިދާޅުވީ އޭނާގެ ރިޔާސަތުގައި ކުރައްވަން ނިންމަވާފައިވާ ބައެއް ކަންކަމާއި މަސައްކަތް ބައްޓަން ކުރައްވާނެ ގޮތް ކިޔައިދެއްވައިފަ އެވެ. އެގޮތުން އިގްތިސާދުތައް އާރާސްތު ކުރުމަށް މަސައްކަތް ކުރުމާއި ތިމާވެށީގެ މައްސަލަ ހައްލު ކުރުމަށް މަތީ ފަންތީގެ ބައްދަލުވުންތަކެއް އަދި ބަހުސްތަކެއް ބޭއްވުމާއި އދ. ގެ ނިންމުންތަކުގައި ޒުވާނުންގެ ހިއްސާ ބޮޑުކުރުން ހިމެނެ އެވެ.

އާއްމު މަޖިލީހުގެ 76 ވަނަ ސެޝަން ރަސްމީކޮށް މިއަދު ހުޅުވޭއިރު އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ ހޮނިހިރު ދުވަހު އެމެރިކާއަށް ފުރާވަޑައިގަންނަވާނެ އެވެ.

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް މިނިސްޓަރު ޝާހިދު އިންތިހާބުވެވަޑައިގެންނެވީ މިދިޔަ ޖޫން މަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އަފްޣާނިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރު ޒަލްމާއި ރަސޫލްއާ ވާދަކޮށް ކުރި ހޯއްދަވައިގެންނެވެ. މިނިސްޓަރު ޝާހިދަށް ލިބިވަޑައިގަތީ 143 ވޯޓެވެ. ޑރ. ޒަލްމާއި ރަސޫލްއަށް ލިބިވަޑައިގެންފައިވަނީ 48 ވޯޓެވެ.

އެ އިންތިހާބު ޝާހިދު ކާމިޔާބު ކުރެއްވިއިރު، އިންތިހާބުގެ ކެމްޕެއިނަށް މި އަހަރު ބަޖެޓުން 4.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެ އިންތިހާބުގައި ރާއްޖެ އާއި ގާތް ގުޅުމެއް ބާއްވަމުން ގެންދަވާ ބޮޑެތި ގައުމުތައް ކަމަށްވާ އިންޑިއާ އާއި ސައުދީ އަރަބިއްޔާ އިން ވަނީ ޝާހިދަށް ތާއީދުކުރައްވާފަ އެވެ.