ތަފާތު އެކި ކަހަލަ ތަރުކާރީ އާއި މޭވާތައް ބޭރުގެ ގައުމުތަކުގައި ހެއްދުމަކީ އާއްމު ކަމެކެވެ. ނަމަވެސް މިފަދަ ފެހިކަން ވެހިކަލް ޕާކުކުރަން ހަދާފައި ހުންނަ ޕާކިން އޭރިއާތަކުން ފެނުމަކީ ހައިރާން ކުރުވަނިވި ކަމެކެވެ.
ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ ޕާކިން އޭރިއާއިން ފެންނަނީ މި މަންޒަރެވެ. ބޭނުންނުކޮށް އުކާލެވިފައިވާ ކާރުތަކުގެ ބޮނެޓާއި ފުރާޅުގައި ގަސްހެދި އެ ސަރަހައްދު މިހާރު ފެނިގެންދަނީ ވަރަށް ކުލަގަދަ ކޮށެވެ.
ރަޗަޕުއެކް ޓެކްސީ ކޯޕަރޭޓިވްގެ ބެލުމުގެ ދަށުގައިވާ އެ ބޮޑު ޕާކިން އޭރިއާގައި ގާތްގަނޑަކަށް 200 އެއްހާ ކާރު ބޭނުން ނުކޮށް ޕާކް ކޮށްފައި އޮންނަތާ އަހަރެއްހާ ދުވަސް ވެފައިވާއިރު، މިއީ ކޮވިޑްގެ ސަބަބުން ޓެކްސީ ކުރަން ނުކުޅެދިފައިވާ ޑްރައިވަރުން ދޫކޮށްލާފައިވާ ކާރުތަކެވެ.
ރަޗަޕުއެކް ޓެކްސީ ކޯޕަރޭޓިވްގެ އެޑްވައިޒަރު ތަޕަކޯން އަސަވަލެޓްކުލް ވިދާޅުވީ ކާރުތައް ވީރާނާވާން ދޫކޮށްލުމުގެ ބަދަލުގައި އެތަނުގައި އާމްދަނީ ލިބޭނެ ކޮންމެވެސް މަސައްކަތެއް ކުރަން ބޭނުންވީ ކަމަށެވެ. އެގޮތުން ދަނޑު ހެއްދުމަކީ މިގޮތުން އޭނާއާއި އޭނާގެ ޓީމަށް އެންމެ ކަމުދިޔަ ޚިޔާލެވެ.
މި ވިޔަފާރީގެ ސަބަބުން ޓެކްސީތަކުގެ ވެރިންނަށް މާލީ އެހީތެރިކަން ލިބިދޭއިރު އެ ފައިސާ ބޭނުން ކުރެވެމުން ދަނީ ޓެކްސީތަކުގެ މޯގޭޖް ފީ ދެއްކުމަށެވެ.
ކޮވިޑްގެ ސަބަބުން ބެންކޮކްގެ ޓެކްސީ ޑްރައިވަރުންނަށް ޓެކްސީގެ ފައިސާ ނުދެއްކި ގިނަ ޑްރައިވަރުން ވަނީ ކާރުތައް ދޫކޮށް އަމިއްލަ ޕްރޮވިންސްތަކަށް އެނބުރި ގޮސްފަ އެވެ.
ދަނޑު ހެއްދުމުގެ އިތުރުން މި ޕާކިން އޭރިއާ ވަނީ ދިރޭ ތަކެތީގެ މާހައުލަކަށް ވެސް ވެފަ އެވެ. އެގޮތުން މި ސަރަހައްދުގައި އެތައް ސަތޭކަ ބޮކެއް އުޅެމުންދެ އެވެ.
ކޮވިޑްގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލު ކުރުމަށްޓަކައި ތައިލެންޑްގެ ސަރުކާރުން ރިލީފް ފަންޑެއް ހުޅުވާފައިވާއިރު ސަރުކާރުގެ ސިޔާސަތުތަކަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. -- ޗެނަލް ނިއުސް އޭޝިއާ