މިދިޔަ އަހަރު ނުކުތް މަޝްހޫރު ޓީން ޑްރާމާ ސީރީޒް، ޔޫފޯރިއާގެ ހާއްސަ ދެ އެޕިސޯޑެއް ގެނެސްދޭން ތައްޔާރުވަމުން އަންނަ ކަމަށް އެޗްބީއޯ އިން ބުނެފި އެވެ.
އެޗްބީއޯ އިން މިކަން ހާމަކޮށްފައިވަނީ ސީރީޒްގެ އިންސްޓަގްރާމް އެކައުންޓަށް ލާފައިވާ ފޮޓޯއަކުން ނެވެ. އެ ފޮޓޯއިން ފެންނަނީ މީހެއްގެ ލޮލުގެ ތެރެއިން ސީރީޒްގެ ލީޑް އެކްޓްރެސް؛ ޒެންޑާޔާގެ ސޫރަ އެވެ.
ޓީނޭޖު ކުއްޖަކަށް ދިމާވާ ކަންކަމަށް އަލިއަޅުވާލައިގެން ހަދާފައިވާ މިސީރީޒްގެ ސީޒަން 1، ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު ސީޒަން 2 އިއުލާން ކުރި ފަހުން ވަނީ ޕެންޑަމިކާ ހެދި ޕްރޮޑަކްޝަންގެ މަސައްކަތްތައް ފެށޭ ގޮތް ނުވެފަ އެވެ. އެހެންވެ އެޗްބީއޯއިން ބުނީ މިފަހަރު މިގެނެސްދޭ ހާއްސަ ދެ އެޕިސޯޑަކީ، ސީޒަން 2ގެ އިންތިޒާރުގައި ތިބި ފަރާތްތަކަށް ގެނެސްދޭ ހަދިޔާ އެއް ކަމަށެވެ. އެގޮތުން ދެ އެޕިސޯޑުގެ ތެރެއިން ފުރަތަމަ އެޕިސޯޑު ތައްޔާރުކޮށްފައިވަނީ ކްރިސްމަސް ތީމަށް ކަމަށާއި މި އެޕިސޯޑް ބެލުންތެރިންނަށް ދައްކާލާނީ 6 ޑިސެމްބަރުގައި ކަމަށް އެޗްބީއޯއިން ބުނެ އެވެ.
ސީޒަން 1ގެ ނިމުން ގެނެސްދީފައިވާ ގޮތާއި ގުޅުވާލައިގެން މިފަހަރު ނެރޭ ފުރަތަމަ އެޕިސޯޑަށް ކިޔަނީ "ޓްރަބަލްސް ޑޯންޓް ލާސްޓް ފޮއެވާ" އެވެ.
ކުރިޔަށް އިން ދެ އެޕިސޯޑަކީ ޔޫފޯރިއާގެ ސީޒަން 1 އާއި 2 ގުޅުވަދޭނެ އެޕިސޯޑްތަކެއް ކަމަށް ޝޯގެ ލިޔުންތެރިޔާ ސޭމް ލެވިންސަން ބުންޏެވެ.
ސީޒަން 1 ނިމިދިޔަ ގޮތުން ފޭނުން ދަނީ ދެވަނަ ސީރީޒްގައި ދެން ވާނެ ގޮތަކާއި ބެހޭ ގޮތުން ތަފާތު ހިޔާލުފާޅު ކުރަމުން ނެވެ. އެގޮތުން ސީރީޒްގެ ލީޑް އެކްޓްރެސް؛ ޒެންޑާޔާގެ ކެރެކްޓާ ރޫ މަރުވަނީ ކަމުގައި މީހުން ފަތުރަމުންދާ ވާހަކަ ސޭމް ވަނީ ދޮގުކޮށްފަ އެވެ. އެކަމާއި ބެހޭގޮތުން އޭނާ ބުނެފައިވަނީ ރޫގެ ވާހަކަ އަދި ފެށެނީ ކަމަށެވެ. އަދި ކުރިޔަށް އޮތް ސީޒަނުގައި ކެރެކްޓާގެ ދަތި އުނދަގޫ ދަތުރާއި ކުރިމަތިލައި ފިސާރި ވަރުގަދަ އަޒުމެއްގައި، ހިތްވަރާއެކު ރޫ ކުރިޔަށްދާތަން ފެންނާނެ އެވެ.
ނިމިގެންދިޔަ 67 ވަނަ ޕްރައިމްޓައިމް އެމީ އެވޯޑުގައި ޒެންޑާޔާވަނީ ޔޫފޯރިއާގައި އޭނާ ދައްކުވައިދިން ރޯލުން "އައުޓްސްޓޭންޑިންގް ލީޑް އެކްޓްރެސް އިން އަ ޑްރާމާ ސީރީޒް" ކެޓަގަރީ އިން އެވޯޑު އުފުލާ ލާފަ އެވެ. މި އެވޯޑު ލިބުނު އެންމެ އުމުރުން ހަގު ތަރީގެ ލަގަބާއި އެއްކޮށް ޒެންޑާޔާ ތަރީހުގެ ތެރެއަށް ވަނީ މިއެޥޯޑަށް ވާދަކުރި ޖެނިފާ އެނިސްޓަން ފަދަ ސީނިއާ ތަރިން ފަހަތަށް ޖައްސާލާފަ އެވެ.