މިއަދަކީ ގައުމިއްޔަތު ބިނާކުރުމުގައި ފަހުރުވެރި ކާމިޔާބީއެއް ހޯދޭނެ ދުވަހެއް ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބާ ގުޅުވައިގެން ކުރެއްވި ޓުވީޓެއްގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެންމެންގެ ބައިވެރިވުމާއެކު ވޯޓު ފޮށިން ކަންކަން ނިންމުމަކީ އެމްޑީޕީގެ އެންމެ މުހިއްމު އަމާޒު ކަމަށެވެ.

ރައީސް ނަޝީދު މިފަދައިން ޓުވީޓް ކުރައްވާފައިވާއިރު މިފަހަރު އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު ވަނީ ދެ ފެކްޝަނަކަށް ބެހިފަ އެވެ.

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަކާއި ރައީސް ނަޝީދުގެ ފަރާތުން ވެސް އިންތިހާބުގައި ކެންޑިޑޭޓުންތަކެއް ވާދަކުރެ އެވެ. ރައީސް ނަޝީދުގެ ތާއީދު ލިބިފައި ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެންޑިޑޭޓުންނަށެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ 90،000 އަށްވުރެ ގިނަ މީހުން ހިމެނެ އެވެ. މިގޮތުން 97 ދާއިރާއަކަށް 730 ކެނޑިޑޭޓުން ވަނީ ކުރިމަތިލާފަ އެވެ. މީގެ ތެރެއިން 87 ދާއިރާއެއްގެ ރައީސުންގެ މަގާމާއި، ހަ ޕްރޮވިންސް ރައީސުންގެ މަގާމު ހިމެނެ އެވެ. އަދި ހަތަރު ސިޓީއެއްގެ ރައީސުންގެ މަގާމަށް ވެސް ވޯޓުލުން މި އިންތިހާބުގައި ހިމެނެ އެވެ. އަދި މީގެ ތެރޭގައި އިންތިޚާބަކާ ނުލައި މިހާތަނަށް 165 ކެނޑިޑޭޓުން ހޮވިފައިވެ އެވެ.