މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ 11 އަތޮޅަކަށް އޮރެންޖް އެލާޓް ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން އެ އަތޮޅުތަކަށް އޮރެންޖް އެލާޓު ނެރެފައި ވަނީ މިއަދު ހެނދުނު 10 އިން ފެށިގެން މެންދުރު 12:30 އާއި ހަމައަށެވެ. މިގޮތުން ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ.
މޫސުމަށް ސަމާލުވުމަށް އެދި އެމްއެންޑީއެފުން ވަނީ ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުން ދިއުމާއި ގުޅިގެން، ކަނޑުދަތުރުކުރާއިރު މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށާއި، ދަތުރުކުރާ މީހުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމުގެ އިތުރުން އުޅަނދުގައި ލައިފްޖެކެޓާއި މުއާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކޮށް، ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ހަމައެހެންމެ މުދާ އުފުލާ އުޅަނދުފަހަރުތަކުން ވެސް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލު ކުރުމާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމާއެކު ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ހާއްސަ ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މިއަތޮޅުތަކަށް އޮރެންޖް އެލާޓް ނެރެފައިވާއިރު، މިކަމާއި ގުޅިގެން ޑިޒާސްޓާ މެނޭޖްމަންޓުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ވިއްސާރަ އާއި ގުޅިގެން އަތޮޅުތެރޭގެ ހާލަތު މޮނިޓާ ކުރަމުންގެންދާ ކަމަށެވެ. އަދި ފާއިތުވި ގަޑިތަކުގައި ބައެއް ރަށްރަށުގައި ފެންބޮޑުވި ނަމަވެސް، މިހާތަނަށް ސީރިއަސް ހާދިސާއެއް ހިނގާފައިވާ ކަމަކަށް ރިޕޯޓުކުރެވިފައިނުވާ ކަމަށް އެ އިދާރާއިން ބުންޏެވެ.