ގދ. ތިނަދޫގައި ހުންނަ ޖެންޑާގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުއްޖަކަށް އަނިޔާ ކޮށްފައި ހުރިކަމުގެ ތުހުމަތު އެކުއްޖާގެ އާއިލާއިން ކޮށްފި އެވެ.

މިގޮތުން ޖެންޑާގެ ބެލުމުގެ ދަށުގައިވާ އުމުރުން 14 އަހަރުގެ ކުއްޖަކު، ގިނަ އަދަދެއްގެ ބޭސްތަކެއް ކެއުމާ ގުޅިގެން ހާލު ދެރަވެފައިވާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އަދި އެ ކުއްޖާ މިހާރު ވަނީ ތިނަދޫގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދީ ހުރިހާ ބޭސްތަކެއް "ޑިޓޮކްސިފައި" ކޮށްފަ އެވެ.

ކުއްޖާ ހޮސްޕިޓަލުގައި ބާއްވާފައިވާއިރު، ފަރުވާދިން ޑޮކްޓަރު ބުނާގޮތުގައި އެ ކުއްޖާ ކައިފައި ވަނީ ޕެނިކް އެޓޭކް އަންނަ މީހުންނަށް ދޭ ބޭހެކެވެ. އަދި އޭގެ ނުވަ ގުޅަ ކައިފައިވާ ކަމަށް ވެސް ޑޮކްޓަރު ވަނީ ބުނެފަ އެވެ.

އާއިލާގެ ފަރާތުން މައުލޫމާތުދިން މީހަކު ބުނިގޮތުގައި، ކުއްޖާގެ އަތުން ވަނީ ދުޅަވެފައިހުރި ތަންތަނާއި، ފާރުވެފައިހުރި ތަންތަން ފެނިފަ އެވެ. އަދި ޖެންޑާގެ ތެރެއިން މީހުން އަނިޔާކުރާ ކަމަށް އެ ކުއްޖާގެ ފަރާތުން ޝަކުވާކޮށްފައިވާ ކަމަށް ވެސް އާއިލާއިން ބުންޏެވެ.

މި މައްސަލައާއި ގުޅިގެން ކުއްޖާގެ ބެލެނިވެރިކަން މިހާރު ވަނީ ރޭގެ ވަގުތެއްގައި އެއްބަސްވުމެއްގައި ސޮއިކޮށް ކުއްޖާގެ މަންމައާ ހަވާލުކޮށްފަ އެވެ. ނަމަވެސް ހޮސްޕިޓަލުން ދޫކުރެވެންދެން ކުއްޖާގެ ކަންކަން ޖެންޑާއިން ބަލަހައްޓަމުން ގެންދާނެ ކަމަށް އަންގާފައިވާނެ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.

މިމައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ މިފަދަ މައްސަލައެއް، އެ މިނިސްޓްރީގެ ސީއެފްއެސްއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ކުއްޖާއަށް ބޭނުންވާ އެހީތެރިކަމާއި ބަލަހައްޓަން ބޭނުންވާ ކަންކަން ބަލަމުން ގެންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ޖެންޑާގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ހަރުކަށިވެ އަނިޔާ ލިބޭ މައްސަލަތައް ފަހަކަށް އައިސް ގިނަވެފައިވެ އެވެ.