ޕާކިސްތާނަށް ދަތުރުކުރަން ވިސާ ޖެހުމަށް އަފްޣާނިސްތާނުުގެ ސްޓޭޑިއަމްއަކަށް އެއްވި މީހުންގެ ތެރެއިން، ފިތި ބާރުވެގެން 11 މީހަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.
ޕާކިސްތާނަށް ދިއުމަށް ވިސާ ޖެހުމުގެ ހިދުމަތް ދޭން އަލުން ފަށާފައި މި ވަނީ ހަތް މަހުގެ މެދުކެނޑުމަކަށް ފަހު އެވެ. އަދި ގިނަ މީހުންނަށް އެއްފަހަރާ ހިދުމަތް ދިނުމުގެ ގޮތުން މީހުން އައުމަށް އަންގާފައި ވަނީ ޖަލާލްއާބާދް ގައި ހުންނަ އާންމުކޮށް ވިސާގެ ހިދުމަތްދޭ ސެންޓަރުގެ ބަދަލުގައި އެތާ ކައިރީގައި ހުންނަ ކުޅިވަރު ސްޓޭޑިއަމަކަށެވެ.
ޕާކިސްތާނުން އަފްގާނިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަންސޫރު އަހުމަދު ހާން ވިދާޅުވި ގޮތުގައި މި ހާދިސާއާއި ގުޅިގެން ހިތާމަކުރާ ކަމަށާއި ކުރިއަށް އޮތްތަނުގައި އަފްގާނިސްތާނުގެ ސަރުކާރާއި ގުޅިގެން ވިސާ ޖެހުމުުގެ މައްސަލައަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މި ހާދިސާގައި މަރުވި 11 މީހުންނަކީ ވެސް އަންހެނުންނެވެ. އަފްގާނިސްތާނަކީ އިސްލާމްދީނުގެ އަސާސްތަކަށް ހަރުކަށިކަމާއި އެކު އަމަލުކުރާ ގައުމެއް ކަމުން އަންހެނުންނާ ފިރިހެނުން ވަކި ވަކިން ސަފު ހެދުމަކީ އާންމު ކަމެކެވެ. މި ހާދިސާގައި ޒަހަމްވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ވެސް ހިމެނެ އެވެ.
ކޮންމެ އަހަރަކުވެސް އާއިލާ މީހުންނާ ބައްދަލުކުރުމަށާއި ބޭސްފަރުވާ، ވަޒީފާ އަދާކުރުމަށް އަދި ބައެއް ފަހަރު އެ ގައުމުގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން އެތައް ހާސް މީހުން އަފްގާނިސްތާނުން ޕާކިސްތާނަށް ދަތުރުކުރެ އެވެ.