އޯކްލޭންޑް (29 ސެޕްޓެމްބަރު) - ނިއުޒިލޭންޑްގައި ކޮވިޑް -19ގެ ނުރައްކާތެރި ވޭރިއަންޓެއް ކަމަށްވާ ޑެލްޓާ ވޭރިއަންޓް އިތުރުވެ، ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދުތައް އިތުރުވާން ފަށައިފި އެވެ.

އެގޮތުން މި ދުވަސްވަރު ދުވާލެއްގެ މައްޗަށް ކޮވިޑް ކޭސްތައް ފެންނަ މިންވަރު އުޅެނީ 45 ގައި ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުނެފައިވެ އެވެ.

ކޮވިޑް 19 ރެސްޕޮންސް މިނިސްޓަރު ކްރިސް ހިޕްކިންސް ވަނީ މިފަދައިން ކޭސްތައް މަތިވުމަކީ އަންދާޒާ ކުރެވިފައިވާ ކަމެއް ކަމަށް ބުނެ މި ދަނޑިވަޅުގައި ރައްޔިތުން މަޑުމައިތިރިވެ ތިބުމަށް އިލްތިމާސް ކޮށްފަ އެވެ.

އަލަށް ފެތުރިގެން އުޅޭ އައުޓްބްރޭކްއާއެކު ނިއުޒިލޭންޑުން ކޮވިޑް ނައްތާލުމަށް ކުރާ މަސައްކަތްކަށް ވަނީ ގިނަ ގޮން ޖެހުންތަކެއް ކުރިމަތިވެފަ އެވެ.

ނިއުޒިލޭންޑަކީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ގައުމެކެވެ. އެގޮތުން މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ އޮގަސްޓް މަހާ ހިސާބަށް އެ ގައުމަކީ ކޮވިޑް ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި އޮތް ގައުމެކެވެ.

އޮގަސްޓް މަހު ކޭސްތައް ގިނަވާން ފެށުމާއެކު އެ ގައުމުގައި ފުރަބަންދު އިއުލާންކޮށް ދަތުރުފަތުރުކުރުން ވަނީ ހިފެހެއްޓިފަ އެވެ. މީގެ އިތުރުން ވެސް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވެ އެވެ.

މިހާތަނަށް ނިއުޒިލޭންޑުން 4248 ކޮވިޑް ކޭސް ފެނިފައިވާއިރު އެ ބަލީގައި 27 މީހަކު ވަނީ އެ ގައުމުން މަރުވެފަ އެވެ. – ދަ ސްޓްރެއިޓް ޓައިމްސް