ރާއްޖޭގެ ފުރަތަމަ ފަހަރަށް ދެ ރިސޯޓެއްގައި "ކްރިޕްޓޯ ކަރަންސީ" ބޭނުން ކުރަން ފަށައިފި އެވެ.
ޑިޖިޓަލް ފައިސާ ކަމަށްވާ "ކްރިޕްޓޯ ކަރަންސީ" ބޭނުންކުރަން ފަށާފައި ވަނީ ކ. އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީކޮށްފައިވާ ކްރޮސްރޯޑްސްގައި ހަދާފައިވާ ހާޑްރޮކް މޯލްޑިވްސް އާއި ސާއި ލެގޫނެވެ.
ކްރޮސްރޯޑްސް ހިންގާ ތައިލެންޑުގެ އެސް ހޮޓެލްސް އެންޑް ރިސޯޓްސް އިން ވަނީ، ކްރިޕްޓޯކަރަންސީ ވިޔަފާރީގައި ދުނިޔޭގެ މަޝްހޫރު އެފްޓީއެކްސް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމާއެކު މިހާރު ހާޑް ރޮކް އާއި ސާއި ލެގޫން އިން ހިދުމަތް ހޯދަން ޑިޖިޓަލް ފައިސާ ބޭނުން ކުރެވޭނެ އެވެ.
މިވަގުތު މި ދެ ރިސޯޓުން ބަލައިގަންނަނީ ޑިޖިޓަލް ފައިސާގެ ތެރެއިން "ޔޫއެސްޑީ ކޮއިން" އާއި "ޓެދާ ޓޮކެންސް" (ޔޫއެސްޑީޓީ) އެވެ. ނަމަވެސް ކުރިމަގުގައި އިތުރު ޑިޖިޓަލް ފައިސާ ވެސް ބަަލައިގަންނާނެ ކަމަށް އެސް ހޮޓެލްސް އިން ބުނެ އެވެ.
މީގެ އިތުރުން، ރިސޯޓުތަކުގައި ޑިޖިޓަލް ފައިސާ ބޭނުން ކުރުމުގެ ފައިދާތައް ވަރަށް ގިނަކަން ފާހަގަކޮށް އެސް ހޮޓެލްސްއިން ބުނީ އޭގެ ސަބަބުން ބުކިން ހެއްދުމަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ. އަދި އޮންލައިންކޮށް މުއާމަލާތް ކުރަން ބޭނުންވާ ޒުވާން ޖީލުގެ ޝައުގުވެރިކަން އެ ރިސޯޓުތަަކަށް ލިބިގެންދާނެ ކަމަށް ބަޔާނުގައިވެ އެވެ.
ކްރިޕްޓޯކަރެންސީން ވިޔަފާރީގެ މުއާމަލާތްތައް ކުރާ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި މައިކްރޯސޮފްޓާއި އޭޓީ އެންޑް ޓީ އާއި ވާޖިން ގެލެކްޓިކް ހިމެނެ އެވެ.
ކްރިޕްޓޯ ކަރަންސީ މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުގައި ބޭނުން ކުރެ އެވެ.
އެނބޫދޫ ފަޅުން ހަތް ކިލޯ މީޓަރުގެ ސަރަހައްދެއް ހިއްކައިގެން 2017 ވަނަ އަހަރު ފެށި، "ކްރޮސްރޯޑް މޯލްޑިވްސް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުވާފައިވަނީ "މިއުޒިކީ ފުށި - ހާޑްރޮކް ހޮޓެލް" އާއި "ހިލްޓަން ކަލެކްޝަންގެ ސައި ލެގޫން މޯލްޑިވްސް" އަދި ރާއްޖޭގައި ހަދާފައިވާ އެންމެ ބޮޑު ޔޮޓް މެރީނާ "ދަ މެރީނާ މޯލްޑިވްސް" އެވެ.