ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ބިޒީ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަޖޭ ދޭވްގަންގެ "މައިދާން" އަންނަ އަހަރު ސިނަމާތަކުގައި އަޅުވަން ނިންމައިފި އެވެ.

2018 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ބަދާއީ ހޯ"ގެ ޑައިރެކްޓަރު އަމިތު ޝަރުމާ ޑައިރެކްޓްކުރާ "މައިދާން" ރިލީޒް ކުރުމަށް މިހާރު ނިންމާފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހު އެވެ. އެ ތާރީހާއެކު ވަނީ ފިލްމުގެ ޕޯސްޓަރުތަކެއް ވެސް ދައްކާލައިފަ އެވެ.

އިންޑިއާގެ މަޝްހޫރު ފިލްމުތަކެއް ޕްރޮޑިއުސްކޮށްފައިވާ ބޯނީ ކަޕޫރު ޕްރޮޑިއުސްކުރާ މި ފްލުމުގައި އަޖޭގެ އިތުރުން ދެން ފެނިގެންދާނީ ދެކުނުގެ ބަތަލާ ޕްރިޔަމަނީ އާއި ގަޖްރާޖް ރާއޯ އަދި ރުދުރަނިލް ގޯޝް އެވެ.

https://www.instagram.com/p/CUb4kDPNP7n/

"މައިދާން" އަކީ އިންޑިއާގެ ޒަމާނީ ފުޓްބޯޅައިގެ ބައްޕަ ސައީދު އަބްދުއްރަހީމްގެ ވާހަކަ ކިޔައިދޭ ސްޕޯޓްސް ބައޮގްރަފިކަލް ޑްރާމާއެކެވެ.

https://www.youtube.com/watch?v=NG9mGGpqNhs

މި ފިލްމުގެ އިތުރުން އަޖޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އާރްއާރްއާރް" އާއި "ގަންގޫބާއީ ކަތިއަވާޅީ" އާއި "މޭޑޭ" އާއި "ތޭންކް ގޯޑް" ހިމެނެ އެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އެވެ.

މިމަހުގެ 22 ވަނަ ދުވަހު އިންޑިއާގެ ސިނަމާތައް ހުޅުވުމަށް ސަރުކާރުން ހުއްދަ ދިނުމާ ގުޅިގެން ގިނަ ފިލްމުތަކެއް ރިލީޒް ކުރާ ތާރީހުތައް މިހާރު އަންނަނީ އިއުލާނު ކުރަމުންނެވެ.