އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ޖެހިފައިވާ ކަމަށާއި އެ މައްސަލަ ވެސް ވިލާތުގެ އިދާރާތަކަށް ހުށަހަޅާނެ ކަމަށް ޖިންސީ ގޯނާގެ އެތަކެއް ތުހުމަތު ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައި އެވެ.
އޭނާ ވިދާޅުވީ ޕީޖީގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އުޅުއްވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްސަލަ ވެސް ވިލާތުގެ އިދާރާތަކަށް ހުށަހަޅާނެ ކަމަށެވެ. އަދި ދުނިޔޭގެ ކުރިމަތީގައި ހެއްކާ ގަރީނާއާއެކު ހަގީގަތް ހާމަކުރައްވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
"ޕީޖީގެ އިތުރުން ޖަރީމާތަކުގައި އުޅުއްވާ އެމްއެމްޕީއާރުސީގެ ވަގު ފައިސާގައި ޖެހިފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްސަލަ ވެސް ވިލާތުގެ އިދާރާތަކަށް ހުށަހަޅާނަން. އިންތިޒާރު މިކުރަނީ ވިލާތުގެ ކޯޓުގައި ހެއްކާ ގަރީނާގެ މައްޗަށް ދުނިޔެ ކުރިމަތީ ހަގީގަތް ހާމަވާނެ ދުވަހަކަށް،" އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހިޔާނާތުގެ ފައިސާގައި ޖެހިފައިވާ ކަމަށް ތުހުމަތު ކުރެއްވި ނަމަވެސް އެއީ ކޮން ފަނޑިޔާރެއް ކަމެއް އަލީ ހާމަކުރައްވާފައެއް ނުވެ އެވެ.
އަލީ ވަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖެހިފައިވާ ކަމަށް ތުހުމަތު ކުރިއިރު ސްޕުރީމް ކޯޓުން ވަނީ އަލީ ވަހީދުގެ މައްސަލަ އޮންލައިންކޮށް ކުރިއަށް ނުގެންދިޔުމަށް ހައިކޯޓުގެ މައްޗަށް އަމުރުކޮށްފަ އެވެ. އަދި އޮންލައިންކޮށް ޝަރީއަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް އެކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
މިކަމާ ގުޅިގެން އަލީ ވަހީދު ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ އޭނާ ފުރުވާލީ ވެސް ދައުލަތުން ކަމަށާއި އޮންލައިންކޮށް ޝަރީއަތް ކުރީ ވެސް ދައުލަތުން އަދި ފަޟީހަތާއި ޖަރީމާތައް ފަޅާއަރަން ފެށުމުން ޝަރީއަތް ހުއްޓުވާލީ ވެސް ދައުލަތުން ކަމަށެވެ.
"ފުރުވާލީ ވެސް ދައުލަތުން. އޮންލައިންކޮށް ޝަރީޢަތް ކުރީވެސް ދައުލަތުން. ފަޟީހަތާއި ޖަރީމާތައް ފަޅާއަރަން ފެށުމުން ޝަރީއަތްތި ހުއްޓުވާލީ ވެސް ދައުލަތުން. ވުޖޫދުގައި ނެތް ކަމެއްގެ މައްޗަށް އަޅުގަނޑާ ދެކޮޅަށް ހިންގާ އަނިޔާވެރިކަމުގެ ކުރިމަތީ އަމާން ނުދޭނަން. ފަހަތަކަށް ވެސް ނުޖެހޭނަން،" އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އޭނާ ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވި އެވެ. ނަމަވެސް އޭނާ ކޯޓަށް ހާޒިރުވެވަޑައިގެންފައި ނުވާތީ ސުޕްރީމް ކޯޓުން ވަނީ ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.
އަލީ ވަހީދު ރާއްޖެއިން ބޭރުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދާތީ އެކަމުގައި މީގެ ކުރިން އެކިފަހަރު މަތިން ޕީޖީ ހުސައިން ޝަމީމު ވެސް ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ.