ނެޓްފްލިކްސް ބޭނުންކުރާ ފަރާތްތަކަށް ދެމުން އައި ފްރީ ޓްރައިލް ޕީރިއަޑް މިދިޔަ މަހުގެ ތެރޭގައި ކަނޑާލާފައި ވާއިރު، މުޅިން އާ ޕްރޮމޯޝަން ފުރުސަތެއް އެ ކުންފުނިން އިއުލާންކޮށްފި އެވެ.
ސިންގަލް މާކެޓަކަށް ހާއްސަކޮށްގެން ރާވާފައިވާ މިޕްރޮމޯޝަން ފެށުމަށް ހަމަޖެހިފައި ވަނީ ނެޓްފްލިކްސްގެ އެންެމެ ބޮޑު އެއް މާކެެޓް އިންޑިއާ އިންނެވެ. އެގޮތުން "ސްޓްރީމް ފެސްޓް"ގެ ނަމުގައި، ޑިސެންބަރުން 4ން ފެށިގެން ދެ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދާ މި ހަރަކާތުގައި އިންޑިޔާގެ ކޮންމެ ހިސާބަކުން ކޮންމެ މީހަކަށް ވެސް ނެޓްފްލިކްސް ހިލޭ ބަލާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޓެސްޓިންގެ ފުރަތަމަ މަރުހަލާއަކަށް ބަލައިގެން އިންޑިއާގައި އެންމެ ފުރަތަމަ މި ޕްރޮމޯޝަން ކުރިޔަށް ގެންދަން ތާވަލުކޮށްފައި ވާއިރު އެ ކުންފުނީގެ ސީއޯއޯ ގްރެގް ޕީޓާސް ބުނެފައިވަނީ؛ މިއީ ނެޓްފްލިކްސް އިން ވަރަށް ގަޔާވާ ހިޔާލެއް ކަމަށާއި ނަތީޖާ ނުކުންނާނެ ގޮތަކާ މެދު ޝައުގުވެރިކަން އުފެދިފައިވާ ކަމަށެވެ. އަދި ސްޓްރީމް ފެސްޓަކީ ނެޓްފްލިކްސްގެ ތަފާތު ވާހަކަތައް އާ ކަސްޓަމަރުންނަށް ތައާރަފު ކުރުމަށް ނުހަނު ރަނގަޅު ހިޔާލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ގްރެގް ވިދާޅުވި އެވެ.
އެއްމަސް ދުވަހުގެ ފްރީ ޓްރައިލް އާއި ހިލާފަށް ސްޓްރީމްފެސްޓުގައި ބައިވެރިވުމަށް ފައިސާ ދައްކާނެ ގޮތުގެ މައުލޫމާތު ފުރިހަމަ ކުރާކަށް ނުޖެހެ އެވެ. އޭގެ ބަދަލުގައި މި ދެދުވަހުގެ އިވެންޓުގައި ނެޓްފްލިކްސްގެ ލައިބްރަރީގައި ހިމެނޭ ކޮންމެ އެއްޗެއް ވެސް ހިލޭ ބަލާލެވެ އެވެ.
ނެޓްފްލިކްސްގެ ހިސާބުތަކުން ދައްކާ ގޮތުގައި ޖުމްލަ 195 މިލިއަން ސަބްސްރައިބަރުން އެސްޓްރީމިންގް ނެޓްވޯކުގައި ހިމެނޭ އިރު އިންޑިޔާއިން އެކަނިވެސް ސަބްސްކްރައިބް ކުރާ މީހުންގެ އަދަދު ތިން މިލިއަނާއި ގާތް ކުރެ އެވެ.