ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖެއް ކަނޑައަޅާ، މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން އިކޮނޮމިކް މިނިސްޓަރަށް އަރުވާފައިވާ ލަފާ ދިރާސާ ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

މިނިމަމް ވޭޖާ ގުޅިގެން މިނިސްޓަރަށް އަރުވާފައިވާ ލަފަޔާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެންމެ ކުޑަމިނުން ދޭން ޖެހޭނެ އުޖޫރައިގެ އަދަދާ ގުޅޭގޮތުން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް އަރުވާފައިވާ ލަފާ، ގާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން މިނިސްޓްރީން ދިރާސާކުރަމުންގެންދާ ކަމަށެވެ. އަދި އެ ދިރާސާއަށްފަހު ދިވެހިރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ކަނޑައަޅައި އާންމުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިމަމް ވޭޖް ބޯޑުން މިހާތަނަށް ފާސްކޮށްފައިވަނީ ކުދި ފަންތިއާ މެދު ފަންތީގެ އިތުރުން ބޮޑެތި ވިޔަފާރިތަކަށް އެކަށީގެންވާގޮތަށް ފާސްކޮށްފައިވާ ވޭޖު މިންވަރުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންނަށްދޭ އެންމެ ކުޑަ އުޖޫރަ އެވެ.

ވޭޖް ބޯޑަށް ހުށަހެޅި ހަ ޕްރޮޕޯސަލްގެ ތެރެއިން މެމްބަރުން ބަހުސްކުރުމަށްފަހު ނިންމި ނިންމުމުގައި ވަނީ ސިވިލް ސާވިސްގެ އެންމެ ދަށް މުސާރައަކީ ދާއިމީ މުވައްޒަފަކަށް 7،000ރ. ކަމަށެވެ. އެއީ ހަ ގަޑިއިރުގެ މަސައްކަތަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން ކުދި ވިޔަފާރިތަކުން، ދުވާލަކު އަށް ގަޑިއިރު މަސައްކަތްކުރުވާ ނަމަ މަހަކު އެންމެ ދަށްވެގެން މުސާރައިގެ ގޮތުގައި 5،700ރ. ދޭން ޖެހޭނެ އެވެ. އަދި މެދުފަންތީގެ ވިޔަފާރިތަކުން މަހު މުސާރައިގެ ގޮތުގައި އެންމެ މަދުވެގެން ދެވޭނެ އަދަދަކީ 8،000ރ. ކަމަށާއި ބޮޑެތި ވިޔަފާރިތަކުން މުސާރައިގެ ގޮތުގައި މަހަކު 10،200ރ. ދޭން ޖެހޭނެ ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ.

އެކި ލެވެލްތަކަށް މިނިމަމް ވޭޖެއް ކަނޑައެޅިއިރު، އެންމެ ކުދި ވިޔަފާރިތަކަށް މިނިމަމް ވޭޖެއް ކަނޑައެއް ނާޅަ އެވެ. ރޭ ކަނޑައެޅި އަދަދުތަކަކީ މި ވަގުތު ހަމައެކަނި ދިވެހިންނަށް އެކަނި ކަނޑައެޅި އަދަދުތަކެއް ކަމަށް އެނގިފައިވެ އެވެ. ނަމަވެސް ބިދޭސީން މީގެ ތެރޭގައި ނުހިމެނެ އެވެ.

މިނިމަމް ވޭޖް ބޯޑުން މި ފާސްކުރީ ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމެވެ. މިގޮތަށް އަމަލުކުރަން ފަށާނީ އިކޮނޮމިކް މިނިސްޓަރު މި ލަފާ ފާސްކުރާ ހިސާބުންނެވެ.