ހިތުގައި ޖެހި ދެރަވާކަމެއް ދިމާވުމުން މުޅި މިހާ ހިތްމަރުވެ އެވެ. ހަމައެކަނި ބޭރުފުށަކުން ނޫނެވެ. ހިތްދަތި ވުމުން ހޯމޯންސްތަކަށް ބޮޑެތި ބަދަލު އާދެ އެވެ. އަދި ހަށިގަނޑު ބަލިކަށިވެސްވެ އެވެ.

ތިމާ އުފާވެފައި ހުންނަ ގަޑިއެއްގައި ހަށިގަނޑުގައި ހިމެނޭނީ ޑޮޕްމިން ނުވަތަ އޮކްސިޓޯސަން ފަދަ އުފާވެރި ހޯމޯންސް އެވެ. އެހެންނަމަވެސް ދެރަވުމުން އުފާވެރި ހޯމޯންސްތައް ދަށްވެ ކޯޓިސޮލް، އެޕްނިފެރިން ފަދަ ހޯމޯންސްތައް ގަދަވެގަނެ އެވެ. މިއީ ސްޓްރެސް ހޯމޯންސް ތަކެވެ. މި ހޯމޯންސްތައް އުފާވެރިކަން ހާސްކަމާއި ނުވަތަވަސްކަމަށް ބަދަލުކޮށްލަ އެވެ. މި ބަދަލު ތަކުން ތިމާ ދެރަވެފައި ހުންނަ އިރު ތިބާގެ ހަނދާން ދެރަ ކޮށްދެ އެވެ.

މީގެ އިތުރުން ހިތާމަ ކުރާނަމަ ބަރުދަން އިތުރުވުމަށް މަގުފަހިކޮށްދެ އެވެ. ސަބަބަކީ ސްޓްރެސް ވުމުން ދިފާއީ ނިޒާމުގެ ބާރު ދަށްވެ ކާހިތް އިތުރުކޮށްދޭތީ އެވެ. ހާއްސަކޮށް ފޮނި ނުވަތަ ފެޓްސް ހިމެނޭ އެއްޗެހި ކާ ހިތްވުން އިތުުރުވެ އެވެ.

ގިނައިން ކާހިތް ވުމުގެ އިތުރުން ދިފާއީ ނިޒާމުގެ ބާރު ދަށްވުމުން ފަސޭހައިން ބަލިވާ ގޮތްވެސް މެދުވެރިވެ އެވެ. ހާއްސަކޮށް މާގިނައިން ރުއިމުން ނުވަތަ ކަންކަމާއި މާ ބޮޑަށް ވިސްނުމިން އަވަހަށް ބަލިވުން ގާތެވެ.

އެހެން ކަމުން ހިތާމަވެރި ކަމެއް ނުވަތަ ތިމާ ނުތަނަވަސް ކުރުވާ ވާކަމެއް މެދުވެރިވުމުން އެކަނިވުމުގެ ބަދަލުގައި ތިމާއަށް އިތުބާރުކުރެވޭ ތިމާއާއި އެންމެ ގާތް ފަރާަތަކާއި ހިއްސާކޮށްލާށެވެ. ނުވަތަ ރައްޓެހިންނާއެކު ވަގުތު ހޭދަކޮށް ހިތްހަމަޖެހޭ ކަމެއްގައި މަސްއޫލުވާށެވެ.

އެގޮތުން ތިމާގެ ހާއްސަ ހޮބީއެއްވާނަމަ އެކަމެއް ކުރާށެވެ. މިސާލަކަށް ތިއީ ވާހަކަ ނުވަތަ ތަފާތު ފޮތް ކިޔާހިތްވާ މީހެއް ނަމަ އެކަން ކުރެވިދާނެ އެވެ. ނުވަތަ ކުރެހުން، ކުޅިވަރެއް ކުޅުން ފަދަ ކަންކަމަކީ ގަޔާވާ ކަމެއްނަމަ އެފަދަ ކަންކަމުގައި ވަގުތު ހޭދެކުރެވިދާނެ އެެވެ. މިކަންކަުން ތިބާގެ ސިކުނޑިއަށް ލުއިވާނެ އެވެ. އަދި ހިތްހަމަޖެހުން ގެނުވައިދޭނެ އެވެ.