މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިލިއަނަކާ ކައިރިކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 923،146 އަށް އަރާފަ އެވެ. އަދި މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ރާއްޖެ އައިސްފައި ވަނީ 52،284 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރާއްޖެ އަށް އެންމެ ގިނައިން އައި ފަތުރުވެރިންގެ ތެރޭގައި އިންޑިޔާ މާކެޓް ހިމެނޭއިރު، އޭގެ ތެރޭގައި 211،062 ފަތުރުވެރިން މިހާތަނަށް ރާއްޖެ އައިސްފައިވެ އެވެ. އަދި 177،321 ފަތުރުވެރިންނާއެކު ރަޝިއާ ދެވަނާގައި ހިމެނޭއިރު، 60،463 ފަތުރުވެރިންނާއެކު ޖަރުމަނު ހިމެނެނީ ތިން ވަނައިގަ އެވެ.

މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 585.8 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މި ހިނގާ އޮގަސްޓު މަހު ރާއްޖެ އައި 143،599 ފަތުރުވެރިން އާއި އެކު އޮގަސްޓު މަސް ވެފައި ވަނީ މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައި މަހަށެވެ. އަދި ސެޕްޓެމްބަރު މަހު އައި 114،896 ފަތުރުވެރިންނާއެކު ނިމިދިޔަ މަސް ވެފައި ވަނީ ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައި މަހަށެވެ.

ރާއްޖޭގެ އާމްދަނީއަށް އިތުރު ކުރިއެރުމެއް އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާއިރު، މީގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައި ދިއުމަކީ ވެސް ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށްދިނުމުގައި މުހިންމު ރޯލެއް އަދާކޮށްދޭ ކަމެއް ކަަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

އޭގެ އިތުރުން ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް އަންނަ އަހަރު ހޯމް ސްޓޭ ޓޫރިޒަމް ފަށަން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.