މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން އެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ.
މެޓް އިން އެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން ހަވީރު 4:30 ހަމައަށެވެ. އެ ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް މެޓް އިން ބުނެ އެވެ. އަދި އާންމު ގޮތެއްގައި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން މެޓް އިން ވަނީ މިއަދު ލ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފަ އެވެ. މެޓް އިން އެއަތޮޅުތަކަށް ހުދު ސަމާލު ނެރެފައި ވަނީ މިއަދު 6:30 އިން ފެށިގެން 12:30 އާއި ހަމަޔަށެވެ.
މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށްފައިވެ އެވެ. އަދި އެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެކަމަށްވެސް މެޓް އިން ލަފާކޮށްފައިވެ އެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މޫސުމަށް ސަމާލުވުމަށް އިދާރާތަކުން އިލްތިމާސްކޮށްފައިވާއިރު، މިދުވަސްވަރު ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.
އެގޮތުން ދަތުރަށް ފުރުމުގެ ކުރިން ދަތުރާ ބެހޭ މައުލޫމާތު އެންގުމާއި, އުޅަނދުތަކުގައި ލައިފްޖެކެޓާއި, މުވާސަލާތީ ނިޒާމާއި, ދިޔަ ހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ބެލުމަށް އިތުރުން ހާއްސަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައިވެ އެވެ.