ޖީއެމްއާރަށް އެއާޕޯޓް ދިނުން ދިފާއުކުރައްވާ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރޭ ދެއްކެވި ވާހަކަފުޅަށް، ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ފާޑުވިދާޅުވެއްޖެ އެވެ.

ސައީދު ވިދާޅުވެފައި ވަނީ ފިނޭންސް މިނިސްޓަރު އަމީރު، އެއާޕޯޓް އަތުލުމުން އާބިޓްރޭޝަނަށް ގޮސް ޖީއެމްއާރަށް 270 މިލިއަން ޑޮލަރު ދައްކަން ޖެހުމުގެ އިތުރުން، ޓޫރިޒަމް އިންޑަސްޓްރީގެ ކުރިއެރުމަށްޓަކައި ބަޖެޓުން ފައިނޭންސް ކޮށްގެން އެއާޕޯޓް ހަދަން އެއް ބިލިއަން ޑޮލަރުގެ ލޯނު ނެގުމަކީ އަސާސީ އެހެން ކަންކަން ހަމަޖައްސަން އެޅުން ހުރަހެއް ކަމަށް ފާހަގަކުރައްވައި ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ.

މިގޮތުން އަމީރަށް ފާޑުވިދާޅުވެ ސައީދު ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހާލަތާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

ހަގީގަތުގައި ރާއްޖޭގެ އިޤުތިޞާދަށް އޮތް އެންމެ ބޮޑު ހުރަހަކީ ތިފަދަ ކޮށި ވިސްނުން އަމީރުން. ޖީއެމްއާރް ބޭރުކުރުމަކީ ދިވެހިންނަށް ލިބުނު ބޮޑު ނަސީބެއް.
ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު

އޭގެ އިތުރުން ސައީދު ވަނީ އެއާޕޯޓްގައި ނިމިފައި ހުރި ތަންތަނުގެ ތެރޭގައި، ސަރުކާރުން "ވާހަކަ ނުދައްކަވާ" ތަންތަން އޮޕަރޭޝަނަށް ގެންނެވުމަށް ގޮވާލައްވާފަ އެވެ.

ދިވެހި ދައުލަތުން ޖީއެމްއާރަށް 4.1 ބިލިއަން ރުފިޔާ ދައްކާފައިވަނީ 2016 ވަނަ އަހަރުގަ އެވެ. ޖީއެމްއާރަށް އެއާޕޯޓު ދިނުމުގައި ފާޑުކިއުންތައް އަމާޒުވެފައިވީނަމަވެސް އެކަން ދިފާއުކުރަން ފިނޭންސް މިނިސްޓަރު އަމީރު ދަނީ މަސައްކަތް ކުރައްވަމުން ނެވެ.

އެގޮތުން އެއާޕޯޓް ޖީއެމްއާރު އަތުން އަތުލި ފުރަތަމަ އަހަރު އެކަނިވެސް އެއާޕޯޓް ކޮމްޕެނީއަށް ފައިދާގެ ގޮތުގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ.