މިދިޔަ ހޮނިހިރު ދުވަހު މާލެއިން ފުރައިގެން، ވ. ފުލިދޫއަށް ދަތުރު ކުރަނިކޮށް އަރި އަޅާލި ގެއްލުނު ކުޑަ ކުއްޖާގެ އެއްވެސް ހިލަމެއް ނުލިބޭކަމަށް ކޯސްޓުގާޑުން މިއަދު ބުނެފި އެވެ.

ލޯންޗުން ކަނޑަށް ގެއްލުނުތާ 24 ގަޑިއިރަށްވުރެ ގިނަ އިރުވެފައިވާއިރު، ގެއްލުނު ކުއްޖާ ހޯދަން، ރެޔާ ހަމައަށް 60 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށް ކޯސްޓުގާޑުން ވަނީ ބުނެފަ އެވެ.

ހަމަ އެހެންމެ ގެއްލިފައިވާ މީހަކު ގެއްލުމުން ބޭނުންކުރާ ހުރިހާ ވަސީލަތެއް ކުއްޖާ ހޯދުމުގެ މަސައްކަތުގައި ބޭނުންކުރަމުން އަންނަ ކަމަށް ވެސް ކޯސްޓުގާޑުން ބުންޏެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު ހިނގި މި ހާދިސާގައި ދަތުރުކުރި ލޯންޗު، ކޮޅިގަނޑެއްގެ ތެރެއިން ޖެހި ރާޅެއްގައި އަރިއަޅާލައިގެން ގެއްލުނު ކުޑަ ކުއްޖާގެ މަންމަ، މ. ގްރީން ޕީކު، މަރިޔަމް ނާހިދާ ވަނީ ނިޔާވެފަ އެވެ.

އެ ހާދިސާގައި ތިން މީހުން ކަނޑަށް ވެއްޓިފައިވާއިރު، ވެއްޓިފައިވަނީ ލޯންޗުގެ އެންމެ ފަހަތުގައި ތިބި ނާހިދާ އާއި އޭނާގެ ދެ ކުދިންނެވެ. އެތަނުން އެއް ކުއްޖަކު ސަލާމަތްވި ނަމަވެސް ނާހިދާގެ ހަތަރު އަހަރުގެ ކުޑަ ކުއްޖާ ވަނީ ގެއްލިފަ އެވެ.