ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ ހަ ރަށަކަށް ދަތުރުފުޅުކުރައްވަން ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އއ. ތޮއްޑޫއާއި، ރަސްދޫއާއި އުކުޅަހުގެ އިތުރުން މަތިވެރި އާއި، ބޮޑުފޮޅުދޫ އަދި ހިމެންދޫ އެވެ.

މި ދަތުރުރުފުޅުގައި ކޮންމެ ރަށެއްގެ ވެސް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ވިޔަފާރިވެރިންނާ ބައްދަލުކުރައްވަން ހަމަޖެހިފައިވެ އެވެ.

އޭގެ އިތުރުން ރަށުގެ ދަނޑުވެރިންނާއި ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ އިތުރުން ބައެއް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި އެކި މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ހާލަތު ބައްލަވައި ލެއްވުމަށާއި، ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ހިނގަމުން ގެންދާގޮތް ބައްލަވައިލެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ތޮއްޑޫ ސްކޫލްގެ 12 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް ހުޅުއްވައި ދެއްވާނެ އެވެ. އޭގެ އިތުރުން ތޮއްޑޫގައި ތަރައްގީކޮށްފައިވާ އައުޓްޑޯ ޖިމް ހުޅުއްވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި ބޮޑުފޮޅުދޫ މިސްކިތް ހުޅުއްވައިދެއްވުމާއި، ހިމެންދޫގެ ބަނދަރު ހުޅުއްވައިދެއްވުމުގެ އިތުރުން އެރަށުގައި ތަރައްޤީކޮށްފައިވާ އައުޓްޑޯ ޖިމް ހުޅުއްވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ރައީސް އަރިއަތޮޅަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނާއެކުގައި، ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.