މި ދުވަސްވަރަކީ ދޫނިތައް ހިޖުރަކުރާ މޫސުމަށްވުމާ ގުޅިގެން، ރާއްޖެއަށް ހިޖުރަކުރި ފްލެމިންގޯތަކެއް ބަޔަކު ހިފައި އެ ވިއްކަން ޖެހުމުން އެފަދައިން އެހެން ނުހެދުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު އެދިވަޑައިގެންފި އެވެ.

ރައީސް ނަޝީދު މަޖިލީހުގައި މިއަދުގެ ޖަލްސާގައި މިހެން ވިދާޅުވީ އިއްޔެގެ ވަގުތެއްގައި ބަޔަކު ދާ ޖަހައިގެން ފްލެމިންގޯތައް ހިފައި އަގުބޮޑުކޮށް ވިއްކުމަށް ސޯޝަލްމީޑިއާގައި އާންމު ކުރުމުންނެވެ.

ފްލެމިންގޯތައް ހިފައި 30،000 ރުފިޔާއަށް އެތަކެތި ވިއްކަން ފަށާފައިވާއިރު، އެ ފްލެމިންގޯތައް ވިއްކުމަށް، ޖަހާފައި އޮތީ "ކުޅުދުއްފުށި ޕެޓް ލަވާސް" ކިޔާ ވައިބާ ގްރޫޕެއްގަ އެވެ.

މި މައްސަލައާ ގުޅޭގޮތުން އީޕީއޭއިން ބުނީ ރާއްޖެއަށް އައި ފްލެމިންގޯތަކެއް ބަޔަކު ހިފައި އެ ވިއްކަން ޖެހި މައްސަލަ ފުލުހުންނާ ގުޅިގެން ބަލަމުން އަންނަ އެވެ.

މިދުވަސްވަރު ރާއްޖެއަށް އާ ބާވަތްތަކުގެ ދޫނި ސޫފާ ސޫފި ހިޖުރަކުރުން ގިނަވާނެކަމަށާއި، އެތަކެތި ހިޖުރަކުރަނީ ބިސްއަޅައި ވިހެއުމައްކަން އީޕީއޭއިން އިއުލާންކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވަނީ އެތަކެތި ހިފައި ގޯނާ ނުކުރުމަށް އިލްތިމާސްކުރައްވާފަ އެވެ.

އެއީ އަޅުގަނޑުމެން ކަމެއް ނުކޮށް ތިބުން. އެއަށް އަރައިނުގަތުން. އޭގަ ރިހަކައްކާން ނޫޅުން. ފިޔަކޮށާފައި އޭތި ގޭގައި ނުބޭތިއްބުން. ވައިޖަހާފައި އޭތި ނުހިފެހެއްޓުން. އަޅުގަނޑު ތަންކޮޅެއް ރީތިކޮށް ކިޔާދެވޭތޯ އުޅުނީ. އެހެންނަމަވެސް ސާފުވެއްޖެ ދެއްތޯ މިހާރު ވަމުން މިދާ ގޮތް
ރައީސް ނަޝީދު

މި މައްސަލައާ ގުޅިގެން އާންމުން ދަނީ ދޫނިތައް އެފަދައިން ނުހިފައި އަނިޔާ ނުކުރުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ. ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފުމާއި އެއަށް ގޯނާކުރުން މަނާކޮށްފައިވާއިރު، މިކަން ކޮށްފި ބަޔަކަށް، ގުދުރަތީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން ބޮޑެތި އަދަދުން ޖޫރިމަނާކުރެވެ އެވެ.