ސޯޝަލް މީޑިއާގެ އެންމެ މަގުބޫލު އެއް ޕްލެޓްފޯމް، އިންސްޓަގްރާމް އިން އާލިއާ ބަޓް އަށް 50 މިލިއަން ފޮލޯވަރުން ހަމަވެއްޖެ އެވެ. މިކަމާ ބެހޭ ގޮތުން އާލިއާ ވަނީ ލޯތްބާއި ގުޅުންތަކާ ބެހޭގޮތުން ފޭނުންނަށް ހާއްސަކޮށް ޕޯސްޓެއް ކޮށްފަ އެވެ.
މިއަދަކީ އަގުވަޒަން ކުރާ ދުވަސްކަމަށް ބުނެ އާލިއާގެ ފޭނުންނަށް އޭނާ ދީފައިވާ މެސެޖުގައި ބުނެފައިވަނީ، ފޭނުން ދެކެ އިންތިހާއަށް ލޯބިވާ ކަމަށާއި މިއަދު އޭނާއަށް ލިބިފައިވާ 50 މިލިއަން މީހުންގެ ލޯތްބަށް ޝުކުރުވެރިވާ ކަމަށެވެ.
މިއުފާވެރި ވަގުތުގައި އާލިއާވަނީ ފާއިތުވި ދުވަސްތަކުގައި އޭނާއަށް ދަސްވި މުހިންމު ފިލާވަޅެއް ފޭނުންނާއި ހިއްސާކޮށްފަ އެވެ. އެގޮތުން އޭނާ ބުނެފައިވަނީ ސޯޝަލް މީޑިއާ އެކަކު އަނެކަކާ ގުޅުވަދީ އުފާވެރިކަން ގެނެސްދިން ކަމުގައި ވިޔަސް އެއީ އަހަރެމެން އަމިއްލަ ނަފްސާއި މެދު ދެކޭ ގޮތް ބަދަލުކޮށްލާ އެއްޗަކަށް ނުހެދުމަށް އެދެފަ އެވެ. އޭގެ ބަދަލުގައި އަމިއްލަ މީހާގެ ނަފްސު އަގުވަޒަންކޮށް ޝުކުރުވެރި ހިތެއްގެ ވެރިއަކަށް ވުމަށް އޭނާ ވަނީ ފޭނުންނަށް އިލްތިމާސްކޮށްފަ އެވެ.
ޖެކުލިން ފެނާންޑޭޒް ވެސް ވަނީ މީގެ 24 ގަޑިއިރު ކުރިން 46 މިލިއަން ފޮލޮވަރުން ހަމަވުމާއި އެކު ފޭނުންނަށް ޝުކުރު އަދާކުރަމުން މުނާސަބަތާ ގުޅުވައިގެން އާ ފޮޓޯތަކެއް ދައްކާލާފަ އެވެ.
50 މިލިއަން ހަމަކޮށްގެން އިންސްޓަގްރާމްގެ އެންމެ ފޮލޮވަރުންގެ ގިނަ ބޮލީވުޑް ތަރިންގެ ތެރޭގައި ޑީޕިކާ ޕަޑުކޯން، ޕްރިޔަންކާ ޗޯޕްރާ އަދި ޝްރަދާ ކަޕޫރު ހިމެނެ އެވެ.