(2 ވަނަ ބައި) - ފާރިޝްގެ އެންމެ އަތަކުންވެސް ފާރިޝްއަށް އަނާމް ކޮންޓްރޯލް ކުރެވެއެވެ. އަނާމްގެ ބާރު ފާރިޝްއަކަށްވުރެ ގަދައެއް ނުވިއެވެ. އަނާމް ދަމާފައި ކަހަލަ ގޮތަކަށް އާޓިފިޝަލް ބީޗް ސަރަޙައްދުން ފާރިޝް ގެންދިޔައެވެ. އާޓިފިޝަލް ބީޗް ސަރަހައްދުން ބޭރަށް ނުކުންނަން ފާރިޝް ބާރުބާރަށް ހިނގައިގަތީ އަނާމް އާއި ދޭތެރޭ އެއްވެސް ވިސްނުމެއް ނެތިއެވެ. އެހެންނަމަވެސް މަގުމައްޗަށް ނުކުމެވުމާއެކު ކުއްލިއަކަށް ހުއްޓެވިއްޖެއެވެ. އަނާމްގެ ގައިގައި ސައިކަލަކުން ޖެހި އަނާމް ވެއްޓުނީއެވެ.
ފާރިޝްއަށް އޭނަގެ އަމިއްލަ މައްސަލައެއް ނުފެނުނެވެ. ރުޅިއައިސް ރަތްވެފައި ފާރިޝް ފުންމައިގަތީ ސައިކަލުގައި އިންމީހާއާއި ދިމާލަށެވެ. އޭރު އެމީހަކުވެސް ސައިކަލުން ފައިބަނީއެވެ. އެއީ ހެލްމެޓްވެސް އަޅައިގެން އިން މީހެއްކަމުން ފާރިޝްއަކަށް އެއީ ކާކުކަމެއް އެވަގުތަކު ނޭނގުނެވެ. އެހެންނަމަވެސް އެ މީހަކު ހެލްމެޓު ބޮލުން ނެގުމާއެކު ފާރިޝްއަށް ޖެހުނީ ހުއްޓޭށެވެ.
"ކަލޭ.....؟" ފާރިޝްގެ އަޑުގައި ހުރީ ނުރުހުމާއި ފަރުވާކުޑަ ގޮތެކެވެ.
"ދާން...؟" އަނާމް މިހެން ބުނެލި އަޑަށް ފާރިޝްއަށް އަނާމްއާއި ދިމާލަށް ބަލާލެވުނެވެ. އެއީ އަނާމް ދެބެއިންގެ ދެ ދަރި ޒިދާންއެވެ.
"ތަދުވިތަ އައްނޫ؟" ޒިދާންގެ އެއްވެސް ސަމާލުކަމެއް ފާރިޝްއަކަށް ނެތެވެ. އަނާމްގެ އަތުގައި ހިފައި ނަގައި އެއްވެސް އަނިޔާއެއް ވެފައި ހުރިތޯ ޒިދާން ބަލަން ފެށިއެވެ.
"ކަލޭގެ ކަންތައް ހާދަ ބޮޑުވެއްޖެއޭ ދޯ؟" ސައިކަލުން ޖެހިފައި އަނާމް ވެއްޓުނީ ފެންގަނޑުތެރެއަށް ކަމަށްވާތީ، އަނާމް ލައިގެން ހުރި ހުދު ބެލްސް ވަަރަށްބޮޑަށް ހަޑިވެފައި ހުރުންފިޔަވައި، އެއްވެސް އަނިޔާއެއް ވެފައި ނެތްކަން ޔަގީން ވުމުން ހިންދެމިލާފައި ޒިދާން އެނބުރުނީ ފާރިޝް އާއި ދިމާލަށެވެ.
"މި ބޯ ވިއްސާރައިގަވެސް ކަލޭ އައްނޫ ގޮވައިގެން ތިވައްތަރަށް؟ މީ އައްނޫ އޮފީހުގައި އިންނަންވީ ވަގުތެއް ނޫންތަ؟" ފާރިޝް ދެކެ ޒިދާން އަބަދުވެސް ރުޅި އަންނަނީ އަނާމް އާއި ދޭތެރޭ އޭނަ ކަންތައް ކުރާ ގޮތުންނެވެ.
"ކަލެއާ ބެހޭ ކަމެއްތަ މީ؟" ފާރިޝް ހުރީ ޒުވާބަކަށް ތައްޔާރުވެގެންނެވެ.
"މަށަށްވުރެ ބޮޑަށް ކަލެއާތަ މިކަމާ ބެހޭނީ؟ ކަލޭ ވިސްނާފަ ވާހަކަ ދައްކައްޗޭ އިނގޭ. އަހަރެން ބިރެއް ނުގަނޭ ކަލޭދެކެ. އައްނޫ އަރާ ސައިކަލަށް. " ފާރިޝް އާއި މާ ގިނަ ވާހަކަ ދެއްކުމުގެ ވިސްނުމެއް ޒިދާންގެ ނެތެވެ.
"ނުދެވޭނެ އޭނައަކަށް." ކުރީއްސުރެ އަނާމްގެ އަތުގައި ހިފައިގެން ހުރި ފާރިޝް، އަނާމްގެ އަތަށް އަދި އިތުރަށް ބާރުކޮށްލިއެވެ.
"ދެވޭނެ. ދޫކޮށްލާ އައްނޫ އަތުން." ބޯވާރޭގަ ތެމި ފޯވެފައި ތިބިނަމަވެސް ދެފިރިހެނުންގެވެސް ލޭ ހޫނެވެ.
"ނުދެވޭނެ. ކަލެއާއި ބެހޭ ކަމެއް ނޫން މީކީ. ކަލޭ ރަނގަޅުވާނީ މިތަނުން ދިޔައިއްޔާ އިނގޭ" އަނާމްގެ އަތުގައި ހިފައި ދަމާފައި ގާތަށް ޖައްސާލައި، ޒިދާންއާއި އަނާމްގެ ދެމެދަށް ހުރަސްވަމުން ފާރިޝް ބުނެލިއެވެ.
"ނުބެހުނަސް ހެވޭ. މި ބޯ ވިއްސާރައިގަ، އޮފީސްގަޑީގަ އޭނަ އޮފީހުން ނެރެގެން ތިވައްތަރަށް އުޅެން ކަލޭ ތީ ކާކު؟ ކަލެއަށް ތިހާ ބޮޑު ބާރެއް ލިބިގެން އުޅެނީ ކީއްވެކަމެއް އަހަންނަށް ނޭނގެ. އެކަމަކު ތިއީ ބޯ ހަމަޖެހޭ މީހަކު އުޅޭނެ ގޮތެއް ނޫން." ފާރިޝްހެން ހުތުރު މޭރުމަކުން ވާހަކަ ނުދެއްކި ނަމަވެސް ޒިދާން ހުރީ، ފާރިޝްގެ ސަބަބުން އަނާމްއަށް ޖެހިފައި ހުރި ހާލު ފެނި ފާރިޝް ދެކެ ވަރަށްވެސް ހިތްހަމަ ނުޖެހިފައެވެ.
"ބޯހަމަނުޖެހެނީ ކަލޭގެ. އަދިވެސް ކަލޭ ތިހުންނަނީ މީނަ ލިބޭނެކަމަށެއްނު. ކަލެއަކަށް ނުވާނެ މިކަމެއް. މީ މަގޭ ވާންއުޅޭ އަންހެނުން. އެނގިއްޖެ." ޒިދާންގެ މޭގައި އަތް އަޅައި ދުރަށް ކޮއްޕާލާފައި ވިހަ ހިނިތުންވުމަކާއެކު ފާރިޝް ބުނެލި އެއްޗަކުން ޒިދާންއަށް ސިހުން ލިބުނުތަން އަނާމްއަށް ފެނުނެވެ.
ޒިދާން އާއި އޭނައާއި ދެމީހުންނަކީ ގްރޭޑް 3 އިން ފެށިގެން 12 އާއި ހަމައަށްވެސް އެއް ކުލާހެއްގައި ކިޔެވި، އެކުއެކީގައި އުޅުނު ދެމީހުންނެވެ. އޭނަ ދެކެ ޒިދާން ލޯބިވާކަން ފާޅުގައި ފާޅުނުކުރިނަމަވެސް، ފުރަތަމަ ދުވަހުއްސުރެންވެސް ޒިދާން ހުންނަނީ އޭނައަށް ހިތްކިޔާފައި ކަން ފާރިޝްކައިރީ އިރެއްގައިވެސް ބުނެވިފައި އޮތީތީ އަނާމް ފުރަތަމަ ފަހަރަށް ދެރަވިއެވެ.
އެއްގެއެއްގައި ނުއުޅުނު ނަމަވެސް ޒިދާންއަކީ އޭނަގެ ބޮޑުދައިތަގެ ކުއްޖަކަށް ވުމުގެ އިތުރުން އެއީ އަޚްލާޤް ރަނގަޅު، ކިޔެވުމަށް މޮޅު އަދި ހިތްހެޔޮ ޒުވާނެކެވެ. އަދަބު އަޚްލާޤް ހުރި ހަރުދަނާ ޒުވާނެކެވެ. ދުވަހަކުވެސް އޭނައަށް ދެރަވާ ގޮތަށް ބަހެއް ބުނެ އަދި ކަމެއްވެސް ކޮށްފައެއް ޒިދާން ނެތެވެ. ޒިދާންގެ ހިތުގައި އޭނައަށްޓަކައި އޮންނަ ގާތް ކަމާއި ލޯބި ޒިދާން އާއި އޭނައާއި ދިމާވާ ކޮންމެ ފަހަރަކު ކޮންމެ ތަނަކުންވެސް އަނާމް އަށް ހުރީ އެނގިފައެވެ. ފެނިފައެވެ. އެ ވާހަކައަކީ ދެފަރާތުގެ ޢާއިލާގެ މީހުންވެސް ދައްކާ ވާހަކައެކެވެ.
ޒިދާން ދެރަކޮށްލުމުގެ ގަސްތުގައި ފާރިޝް އެ ދިން ޚަބަރުން ޒިދާން އަށް ލިބުނު ސިހުމާއެކު، ޒިދާންއަށް ވީ ތަދުވެސް އަނާމްއަށް ޒިދާންގެ މޫނުން ފެނުނެވެ. އޭނައާއި ހަތަރުކަޅިހަމަކޮށްގެން ހުރި ޒިދާންގެ ލޮލަށް އައި ބަދަލުވެސް އަނާމްއަށް ފެނުނެވެ.
"އެކަމަކު މިއަށްވުރެ ރީތިގޮތްތައްވެސް އޮންނާނެނު. ވާރޭ ހިޔާވާތަނަކަށް ގޮއްސަވެސް ތި ދައްކާ ވާހަކައެއް އޭނައާއި ދެއްކިދާނެނު." އަނާމްއާއި ދިމާލަށް ބަލަން އިރުކޮޅަކު ހުރެފައި އިތުރު އެއްޗެއްވެސް އަނާމްއަށް ނުބުނެ ޒިދާން އެނބުރުނީ ފާރިޝް އާއި ދިމާލަށެވެ. ދެން ފެނުނީ ބޮލުގައި ހެލްމެޓް އަޅަން ޒިދާން ފެށިތަނެވެ. ކުރިން ފާރިޝްގެ ކިބައިން އަނާމް ސަލާމަތް ކުރަން އުޅުނު ޚިޔާލު ބަދަލުކޮށްލިކަން ސާބިތުކޮށްދިނެވެ.
"އައްނޫ، މަގުމަތީގަ ނޫޅެ ދޭ ހިޔަލަކަށް އަވަހަށް. މީހަކަށް ފެނިއްޖެއްޔާ ދޮންބެޔާއި ހިސާބަށް ޚަބަރު ގޮސްދާނެ" ސައިކަލަށް އަރަން ހިނގައިގަތުމުގެ ކުރިން އަނާމް އާއިދިމާލަށް އެނބުރި މިހެން ބުނެލާފައި ޒިދާން ހިނގައިގަތެވެ.
ފާރިޝްގެ މޫނަށް ކާމިޔާބުގެ ހިނިތުންވުމެއް އައިތަން އަނާމްއަށް ފެނުނެވެ. ޒިދާންއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ އަނާމް އަށެވެ.
ޒިދާން މަޑުމަޑުން ސައިކަލް ދުއްވާލިއެވެ.
އަނާމްގެ އަތުގައި ހިފައިގެން ހުރި ފާރިޝް، މަގުގެ އަނެއްފަރާތަށް އަރަން ހިނގައިގަތެވެ. ނަމަވެސް ފާރިޝް ހީކުރި ގޮތެއް ނުވިއެވެ. ފާރިޝްގެ އަތްތެރެއިން އަތް ފޮޅުވާލާފައި އަނާމް ހުއްޓުނެވެ.
"ގެޔަށް ދާން އަހަރެން ބޭނުން." އަނާމްގެ އެ ކުއްލި ހަރަކާތުން ހައިރާން ވެފައި އަނާމްއާއި ދިމާލަށް އެނބުރި ހުރި ފާރިޝް އެއްޗެއް އެހުމުގެ ކުރިން އަނާމް ބުނެލިއެވެ.
"އާދޭ ގެއަށް ދާން." އަނެއްކާވެސް އަނާމްގެ އަތުގައި ހިފަން ފާރިޝް އުޅުނެވެ.
"އަހަރެންގެ ގެޔަށް ދާން ބޭނުންވަނީ." އަވަސް އަވަހަށް ދެއަތް ފުރަގަހަށް ލަމުން އަނާމް ބުނެލިއެވެ.
"އެއީ ކީއްކުރަން" ފާރިޝްއަށް އެކުރެވުނު ސުވާލު ފާރިޝްއަށް އެނގޭބާވައެވެ. ފާރިޝްގެ ސިކުނޑި ރަނގަޅު ބާވައެވެ. އަނާމްގެ ހިތަށް އެރިއެވެ.
"ކީއްކުރަންހޭ؟ ވާރޭ ވެހޭތީ. ހެދުން ބަދަލު ކުރަން. އޮފީހަށް ދެން މިއަދު ނުދެވޭނެތީ. މި މަގުމަތީގަ މި ވައްތަރަށް އުޅެން ބޭނުން ނުވާތީ." ބުނަން ހިތަށް އެރި ކިތަންމެ އެއްޗެއް އޮއްބާލާފައި އަނާމް ބުނެލީ ހަމަ އެކަނި އެވަރަށެވެ. ފާރިޝްއާއިއެކު އުޅޭއިރު، މައްސަލަ އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި ވިސްނައިގެން ވާހަކަ ދައްކަން އަބަދުވެސް އަނާމްއަށް ޖެހެއެވެ.
"ކޮންއިރަކުން ބަލާ ދާންވީ؟" ހަމަ ވަގުތުން ފާރިޝް އެހިއެވެ.
އަންތަރީސްވެފައި ފާރިޝް އާއި ދިމާލަށް އަނާމްއަށް ބަލާލެވުނެވެ. ފާރިޝްއަށް ދަޢުވަތެއް ލިބުނުހެން ހީވާކަހަލަ އެއްޗެއް އޭނައަށް ބުނެވުނު ބާވައެވެ.
"ކޮން އިރަކުންހޭ ބަލާ ދާންވީ؟" އަނާމްއާއި ގާތަށް ޖެހިލާފައި އަނެއްކާވެސް ފާރިޝް އަހާލިއެވެ.
"އަހަރެން ގުޅާނަން." އެވަގުތު ބުނާނެ ރަނގަޅު އެހެން އެއްޗެއް ވިސްނޭތޯ އަނާމް މަސައްކަތް ކުރި ނަމަވެސް ވިސްނުމަކަށް ނައެވެ.
"ކޮން އިރަކުން؟" ފާރިޝް ބޭނުން ޖަވާބު ލިބެންދެން ކޮންމެކަމެއްގައިވެސް ފާރިޝް ހިފާނެކަން އަނާމް ދަނެއެވެ.
"ގެޔަށް ދެވުނީމަ އެނގޭނީ" ވިސްނާލާފައި އަނާމް ޖަވާބެއް ދިނެވެ.
"މެންދުރު ދާނަން ބަލާ" ވަކި ގަޑިއެއް އަނާމް ނުބުނި ނަމަވެސް އެ ގަޑިއެއްވެސް ފާރިޝް ކަނޑައަޅައިފިއެވެ.
"ނޫނެކޭ" އަނާމްއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.
"ގޮތް ނުދައްކައްޗޭ އިނގޭ. އަހަރެން ބުނެގެނެއް ނޫން ގެއަށް ތިދަނީކީ. އެކަން ހަނދާން ބަހައްޓައިގެން ވާހަކަ ދައްކައްޗޭ އިނގޭ." ފާރިޝް ޖެހީ އިންޒާރެކެވެ.
ފާރިޝްގެ ސިކުނޑީގެ ކޮށި ކަމާއި ރަޙުމްކުޑަކަން ފެނި އަނާމްގެ ބަސް ހުސްވިއެވެ. ބޯވާރޭގައި އަނާމް ތެމި ފޯވެފައި ހުރިއިރުވެސް އޭނަ ގެއަށް ފޮނުވަން ފާރިޝް ބޭނުން ނުވުމަކީ ފާރިޝް ކީއްވެ ކުރާ ކަމެއްކަމެއް އަނާމްއަކަށް ނޭނގެއެވެ. އެކަމަކު އެއީ ރަޙުމެއް ހަމްދަރްދީއެއް އޯގާތެރި ކަމެއް ނެތް ހިތަކުން ނޫނީ ކުރެވޭނެ ކަމެއް ނޫންކަން އަނާމްއަށް ވަރަށް ރަނގަޅަށްވެސް އެނގެއެވެ.
"ދަނީ" ހަދަންވީ ގޮތެއް ކަނޑަނޭޅުނު ނަމަވެސް މިހެން ބުނެފައި ، ފާރިޝް އާއި ދުރަށް އަނާމް ހިނގައިގަތެވެ.
އަނާމް ހީކުރީ އެހިސާބުން ފާރިޝް އޭނަ ގެއަށް ގެންގޮސްދޭން އުޅޭނެ ކަމަށެވެ. ހެލްމެޓެއް ނެތިއްޔާ ކޮންމެވެސް އެހެން ގޮތެއް ހޯދައިދޭން އުޅޭނެ ކަމަށެވެ. ނަމަވެސް ފާރިޝް ހަމަ އަނގައިން ނުބުނެ ބަލަހައްޓައިގެން ހުރީއެވެ.
އޭނައަށް ފާރިޝްއާއި ރައްޓެހިވެވުނީތީވެސް އަނާމް ލަދުގަނެއެވެ. ކޮންކަހަލަ ރަޙުމް ކުޑަ ފިރިހެނެއް ހެއްޔެވެ؟
އަނާމް ގުދުވެފައި ފައިގައި ހުރި ބޫޓް އަތަށް ނަގައިފިއެވެ. އަދި އެއްފަހަރު ފާރިޝްއަށް ބަލާލާފައި ފާރިޝް އާއި ދުރަށް ހިނގައިގަތެވެ. އަނާމްގެ ޙަރަކާތްތަކަށް ބަލަން ހުރި ފާރިޝްއަށް ދެން ފެނުނީ ، ކުޑަ ތަންކޮޅަކަށް ހިނގާލާފައި އަނާމް ދުއްވައިގަތްތަނެވެ. ހުޅުމާލެއަށް ދާ ބުރިޖާއި ވީ ކޮޅަށެވެ.
ފާރިޝް އަންތަރީސް ވިއެވެ. ބޮލުގެ އިސްތަށިގަނޑުގައި އަތްފުނާ އަޅައި މައްޗަށް ނަގަމުން އަދި މޫނުން ފެން ފޮހެމުން އަނާމްއާއި ދިމާލަށް ބަލަން ފެށިއެވެ. އޭނައަށް އެ ފެންނަނީ ރަނގަޅަށް ބާއޭ ހީވާ ފަދައަކުންނެވެ. އަނާމް ބުރިޖާއި ވީކޮޅަށް އެދަނީ ކީއްވެހެއްޔެވެ؟ ބުރިޖު މަތިން ދުވެފައި ދާން ހެއްޔެވެ؟ އަނާމް މޮޔަވީހެއްޔެވެ؟ ޓެކްސީއެއްގައިދާންތާއެވެ. އެކަމަކު އޭނައާއެކު އޭނަ ގެއަށް ގޮސްފައި ހެލްމެޓް ނަގައިގެންވެސް ގެއަށް ދެވިދާނެ ނޫންހެއްޔެވެ؟ ތެމިފައި ހުއްޓައި އެއްވެސް ޓެކްސީއަކުން ނާރުވާނެކަން އަނާމްއަށް ނޭނގެނީ ހެއްޔެވެ.
ފާރިޝްވެސް ދެކޮޅު ބަލާފައި ދުވެފައި ގޮސް ސައިކަލަށް އަރައި ސްޓާޓް ކޮށްލިއެވެ. އަނާމް ދުއްވައިގަތް ކޮޅަށް ސައިކަލް ދުއްވާލިއެވެ. އަނާމް ވަރަށް ބާރަށް ދުވެފައި ދާތަން ފާރިޝްއަށް ފެނެއެވެ. ޓްރެފިކް ލައިޓަށް ހުއްޓިފައި ހުރި ޓްރެފިކް ތަކާއި އޭރު އަނާމް އަރާ ހަމަވަނީއެވެ.
ކެފޭއެއްގެ ބޭރުގައި ތިބި ދެތިން ފިރިހެނަކުވެސް ޝައުޤާއެކު މިހުރިހާ މަންޒަރެއް ބަލަމުން ދިޔައެވެ.
އަނާމް ހަމަ ދުވަމުން ދަނީއެވެ. ސައިކަލުތަކާއި ކާރުތަކުގައި ތިބި މީހުންވެސް އެނބުރި އެނބުރިފައި އަނާމް އާއި ދިމާލަށް ބަލަނީއެވެ. ވެހިކަލްތަކުގެ ތެރެއަށް ވަދެގެން އަނާމް ދުވެފައި ދާގޮތުން ހީވަނީ މީހަކަށް ފިލަން ދާހެނެވެ. ފަހަތުން ދާ ސައިކަލުގައި އިން ފާރިޝް އިނީ ހައިރާން ވެފައެވެ. އަނާމް ދިޔަނުދޭން އޭނަ އެއްވެސް ކަމެއް ނުކުރާއިރުވެސް، އޭނައަށް ބިރުން ފިލަން ދުވާ މީހެއްހެން އަނާމް އެ ދުވާ ސަބަބެއް ފާރިޝްއަކަށް ނޭނގެއެވެ.
"އަނާމް..." މިއަޑަށް އެނބުރި ނުބެލިނަމަވެސް، ފާރިޝް ނޫނީ ފުރިހަމަ ނަމުން އޭނައަށް ގޮވާނެ މީހަކު ނުހުންނަކަން އަނާމްއަށް އެނގެއެވެ.
އަނާމްގެ ދުވުން ކުރިއަށްވުރެ ބާރުވެގެން ދިޔަތަން ފާރިޝްއަށް ފެނުނެވެ. އަޖައިބެކޭ ފާރިޝްގެ ހިތަށް އެރިއެވެ.
ފާރިޝް ދުއްވަމުން ދިޔަ ސައިކަލް އަނާމް އާއި އަރާ ހަމަވެއްޖެއެވެ. ހަމަ އެވަގުތަކީ، އަނާމްވެސް އެ ޓްރެފިކްގެ ތެރެއިން ސައިކަލެއްގެ ފަހަތަށް އެރި ވަގުތެވެ.
"ވަޓް ދަ..." ފާރިޝްއަށް ބުނެލެވުނެވެ. ވީގޮތް ފާރިޝްއަށް ވިސްނިއްޖެއެވެ.
އަނާމް އެ އެރީ ދެންމެ އެމީހުންކައިރިއަށް މަޑުކުރި ޒިދާންގެ ސައިކަލަށެވެ.
"ޕްލީޒް އަހަރެން ގެއަށް ގެންގޮސްދީ" މިވަނީ ކިހިނެއްކަން ނޭނގި އިން ޒިދާންގެ ދެލޯ ބޮޑުވެއްޖެއެވެ. ފުރަގަހުން ޒިދާންގެ ޓީޝާޓަށް ދަމަމުން އާދޭހާއެކު އެދެމުން ދިޔަ އަޑު އިވުމުން ޒިދާންގެ ހިއްސުތަކުގައި ކަރަންޓް ޖެހުނު ފަދައެވެ. އޭނަގެ ޙަޔާތުގައި މިވަގުތު އަތުވެދާނެކަމެއް ދުވަހަކުވެސް އޭނަ ހީނުކުރެއެވެ.
"އެކަމަކު ނެތޭ ހެލްމެޓެއްވެސް." އަވަސް އަވަހަށް ވިސްނާލާފައި ޒިދާން އަށް ބުނެވުނެވެ.
"އެހެންވިއްޔާ ކޮންމެވެސް އެހެން ތަނަކަށް ވިޔަސް ގެންގޮސްދީ. ތިގެއަށް ހިނގާ. ޕްލީޒް." ފަސް އެނބުރި ބަލާލިއިރު ދާދި ގާތުން ފާރިޝް ފެނުމުން އަނެއްކާވެސް އަނާމް ބުނެލިއެވެ.
"އޯކޭ އޯކޭ..." ޒިދާންވެސް އެހާ އަވަސް އަވަހަށް ބުނެލިއެވެ.
ޓްރެފިކް ލައިޓްގައި ޖެހިފައި ހުރި ވިއްސަކަށް ތިރީހަކަށް ވެހިކަލް ހުޅުމާލޭ ބްރިޖާއި ދިމާލަށް އަނބުރާލިއިރު މާލެއާއި ވީކޮޅަށް ދުއްވާލި ހަމައެކަނި ދެވެހިކަލަކީ ފާރިޝް އާއި ޒިދާންގެ ސައިކަލެވެ. ފާރިޝްގެ ނަޒަރުން ޒިދާންއަށް ނުނެއްޓެވޭނެކަން އެ ހިސާބުންވެސް އެދެމީހުންނަށް އެނގުނެވެ.
"ގޭގަ އޮންނާނެތަ އިތުރު ހެލްމެޓެއް" ބާރުބާރަށް ދުއްވާފައި ދިޔަ ސައިކަލްގެ ފަހަތުގައި އިން އަނާމް، ޒިދާންގެ ފުަޅާ ހަށިގަނޑާ ނިވާވެ ބޮޑެތި ވާރޭ ތިކިތަކުން މޫނު ސަލާމަތް ކުރަމުން ދިޔައެވެ.
"ހުންނާނެ ހުންނާނެ. " ތެމުމުގެ ސަބަބުން ކުރީއްސުރެން ހީކަރުވާފައި އިން ޒިދާންގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. އަނާމް އެ ސައިކަލަށް އައިސް އެރީއްސުރެން އިތުރަށް ހީކަރުވާހެން ޒިދާންއަށް ހީވިއެވެ. ކުރެވޭ އިހްސާސްތައް އެއްފަރާތް ކޮށްލާފައި ހުރިހާ ސަމާލުކަމެއް މަގުމައްޗަށް ދެވޭތޯ ޒިދާން ޖެހުނީ ވަރަށް ބޮޑަށް ވިސްނާށެވެ.
ބޮޑެތި ވާރޭ ތިކިތަކުން ސަލާމަތްވާން އޭނަގެ ފުރަގަހުގައި އިނދެގެން އަނާމް އެ ކޮށްލާ ޙަރަކާތުން، ޒިދާންގެ އަތްވެސް ތުރުތުރު އަޅައިގެން ދެއެވެ.
"ހެލްމެޓް ނަގައިގެން އަވަހަށް އަހަރެން ގެއަށް ގެންގޮސްދެއްޗޭ އިނގޭ" އަނާމް ބޭނުންވަނީ ގެއަށް ދާށެވެ. ވީހާވެސް އަވަހަކަށެވެ.
"އޯކޭ" ޒިދާންއަކަށް މިވަގުތު މާ ގިނަ ވާހަކައެއް ނުދެއްކެއެވެ.
"އެއްޗެކޭ ހީނުކުރައްޗޭ އިނގޭ. އެކަމަކު މި ގަޑީގަ ތިގޭގަ އަހަރެން މަޑުކޮށްފިއްޔާ މާކަ ރަނގަޅެއް ނުވާނެ. އައި ޑޯންޓް ވޯންޓް ޔޫ ޓު ބީ އިން ޑޭންޖަރ ބިކަޒް އޮފް މީ. ގޮޓް އިޓް؟" ޒިދާންގެ ހިތް އޭނައާއި ދޭތެރޭ ގޯސްވާކަށް އަނާމް ނޭދެއެވެ.
"އޯކޭ" އަނާމް އެދުނު ކޮންމެ ކަމެއްވެސް ކޮށްދޭން ޒިދާން ހުރީ ތައްޔާރަށެވެ.
"އޯކޭ." އަނާމް ވެސް ހިތްހަމަ ޖެހުނެވެ.
"އައްނޫ، ލިސްން. ޔޫ ޝުޑުންޓް މެރީ ދެޓް މޭން އިނގޭ. ޔޫ ޖަސްޓް ޝުޑުންޓް." އިރުގަނޑެއްގެ ހިމޭންކަމަށްފަހު ޒިދާން ބުނެލިއެވެ.
"ކީއްވެ..؟" އަނާމްއަށް އަހާލެވުނެވެ.
"ދޮންބެ ދައްތަގެ ލައިފް އަލުން ރިޕީޓް ވާނެހެން ހީވާތީ." ޒިދާންގެ މި ޖަވާބުން އަނާމް ހިމޭން ވިއެވެ.
(ނުނިމޭ)
ޝައުގުވެރި. ވާހަކަ ގެނެސްދޭ ދުވަސްތައް އެގޭނެ ގޮތެއް ނޯންނާނެތަ.
ރީތި. އަނެއްބައިގެ އިންތިޒާރުގަ